ފިއޮރެންޓީނާއިން ރޭ ކުޅުނު އިޓަލީ ލީގު މެޗުގައި އޭސީ މިލާން ބަލިކޮށްފިއެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ރޭ މިލާން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހީރޯއަކީ މި ސީޒަނަށް ފިއޮރެންޓީނާއިން ގެންދިޔަ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާއެވެ. ޔުނައިޓެޑްގެ އެއްބަސްވުން ހަމަވުމުން ސީޒަނެއް ވަންދެން ފުޓުބޯޅައާ ދުރުގައި ހުރުމަށްފަހު މި ސީޒަނަށް ނުކުތް ޑެ ހެއާ ވަނީ ރޭގެ މެޗުގައި ދެ ޕެނަލްޓީ މަތަކޮށްފައެވެ. އެއާއެކު ޑެ ހެއާ ވެފައިވަނީ 2016 ވަނަ އަހަރަށްފަހު އިޓަލީ ލީގު މެޗެއްގައި ދެ ޕެނަލްޓީ މަތަކުރި ފުރަތަމަ ކީޕަރަށެވެ. 2016 ވަނަ އަހަރު އެކަން ކުރީ ފެޑެރީކޯ މާޗެޓީއެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގައި ތިން ޕެނަލްޓީއެއް ނާކާމިޔާބުވެ، ދެ ރަތް ކާޑުވެސް ފެނިގެން ދިޔައެވެ. ފުރަތަމަ ފިއޮރެންޓީނާއަށް ޕެނަލްޓީ ލިބި، މޮއިސް ކީން ޖެހި ޕެނަލްޓީ އޭސީ މިލާންގެ ގޯލްކީޕަރު މައިކް މައިގްނަން މަތަކުރިއެވެ. އެ ޕެނަލްޓީއާއެކު ފުރުސަތު ނަގާލި ފިއޮރެންޓީނާއިން މިލާން ކޮޅަށް 35 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ. އެޓީމުގެ ގޯލު ޖެހީ ޔަސީން އާދިލެވެ.
ހާފު ނިމެން ދަނިކޮށް މިލާނަށް އިތުރު ޕެނަލްޓީއެއް ލިބި ތެއޯ ހެނާންޑޭޒް އަތުން އެ ޕެނަލްޓީ ނާކާމިޔާބުވި އިރު، މިލާނަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ދެވަނަ ޕެނަލްޓީއެއް ލިބި ޓެމީ އަބްރަހަމް އަތުން ނާކާމިޔާބުވިއެވެ. ދެ ޕެނަލްޓީވެސް މަތަކުރީ ޑެ ހެއާއެވެ.
ދެވަނަ ހާފު ތެރޭގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުން މިލާން އެއްވަރުވި ނަމަވެސް، ފިއޮރެންޓީނާ މޮޅުވީ އަލްބާޓް ގުޑްމުންޑްސަން ޖެހި ގޯލުންނެވެ.
މިވަގުތު ފިއޮރެންޓީނާ އިޓަލީ ލީގުގެ 11 ވަނައިގައި އޮތް އިރު، އޭސީ މިލާން އޮތީ ހަ ވަނައިފައެވެ. ފިއޮރެންޓީނާއަށް ހަތް މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، މިލާނަށް ހަތް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ.
ޑޭވިޑް ޑެ ހެއާ
ޑޭވިޑް ޑެ ހެއާ
ޑޭވިޑް ޑެ ހެއާ