އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށް ގަދަ ހަތަރެއް ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރޭގެ މެޗަށް ނުކުތް އިރުވެސް އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ބްރައިޓަން އަތުން ބަލިވެފައި އޮތް ޔުނައިޓެޑް، ރޭ ރަށުން ބޭރުގައި ވެސްޓް ހަމް އަތްދަށުވީ 1-0ގެ ނަތީޖާ އަކުންނެވެ.
އެ ނަތީޖާ އާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގައި ހިފަހައްޓާލަން ޗެލެންޖަކާ ކުރިމަތިވެފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 34 މެޗުން 63 ޕޮއިންޓް ޔުނައިޓެޑަށް ލިބިފައިވާ އިރު، އެ ޓީމު އޮތީ ހަތަރު ވަނައިގައެވެ. ރޭ ތިންވަނައިގައި އޮތް ނިއުކާސަލް އާސެނަލް އަތުން ބަލިވި އިރު، އެ ޓީމަށް 34 މެޗުން ލިބިފައި ވަނީ 65 ޕޮއިންޓެވެ. ފަސްވަނައިގައި ލިވަޕޫލް އޮތީ 35 މެޗުން 62 ޕޮއިންޓާ އެކުގައެވެ. ޔުނައިޓެޑަށް ބާކީ ހަތަރު މެޗު ލީގުގައި އޮތް އިރު، އެ ޓީމުން ގަދަ ހަތަރެއް އަމިއްލަ ބާރުގައި ޔަގީންކުރަން ތިން މެޗުން މޮޅުވާން ޖެހެއެވެ.
ރޭގެ މެޗު ރަނގަޅަށް ފަށައި ޔުނައިޓެޑުން ކުރީކޮޅުގައި ހަމަލާތައް އުފެއްދިއެވެ. ބްރޫނޯ ފެނާންޑޭޒްއާއި އެންޓޮނީ ޖެހި ބޯޅަތައް ގޯލާ އަމާޒުނުވެ ދިޔަ އިރު، ރަޝްފޯޑު 17 ވަނަ މިނެޓުގައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް، އެ ޓީމު ކޮޅަށް ވެސްޓް ހަމްއިން 27 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ. އެ ގޯލުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ގޯސް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން ލޫކް ޝޫ އަތުން ގެއްލުނު ބޯޅައިގައި ސައީދު ބެންރަހުމާ ގޯލު ޖެހީވެސް އޭރިއާ ބޭރުން ފޮނުވާލި ބޯޅައިންނެވެ. އެ ބޯޅަ ފޮނުވާލި އިރުވެސް ޑެ ހެއާ ޕޮސިޝަން ކަޓާފައި އޮތުމުން ބޯޅަ ގޯލަށް ވަނީ އަތުގައި ޖެހި ކުޑަކަނުންނެވެ.
އުމުރުން 32 އަހަރުގެ ޑެ ހެއާ މި ސީޒަނުގެ މިހާތަނަށް ވަނީ ހަތަރު ގޯހެއްގައި ގޯލު ވައްދާލައިފައެވެ. އެފަދަ ގޯސްތަކުން ދެން އެންމެ ގިނައިން ގޯލުތައް ވައްދާލި ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުންވެސް ހެދިފައި ވަނީ ހަތަރު ގޯހެކެވެ. އެހެންކަމުން ޑެ ހެއާއަކީ އެންމެ ގިނަ ގޯސްތައް މި ސީޒަނުގައި ހެދި އެއް ކީޕަރެވެ.
ޑެ ހެއާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، އެފަދަ ގޯސްތަކުގެ ސަބަބުން އާ އެއްބަސްވުމަކަށް ހުރަސް އެޅިދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ރޭގެ މެޗަށްފަހު ކޯޗު އެރިކް ޓެން ހާގު ބުނީ އަންނަ ސީޒަނަށްވެސް ޑެ ހެއާ ބޭނުންވާ ކަމަށާއި އެއްބަސްވުމަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރޭގެ މެޗުގެ ދެވަނަ ހާފުގައި ވެސްޓް ހަމްއަށް ލީޑު ދަމަހައްޓައިދޭން އެެޓީމުގެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. ވޯޓް ވެގޯސްޓްގެ ބޯޅައެއްގެ އިތުރުން ފެނާންޑޭޒްގެ ހަމަލާއަކާއި މެޗު ނިމެންދަނިކޮށް އެންތޮނީ މާޝިއަލް ޖެހި ބޯޅަވެސް މަތަކުރީ ފަބިއާންސްކީއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު