ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައި އޮތުމަށްފަހު އެ ގުޅުން އަލުން ރަނގަޅުވަމުންދާތަން ފެނުމަކީ އުފާކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އަބަދުވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއަކީ އެއްގޮތް ގިނަ ކަންކަން ހުރި، ގުދުރަތުން ގުޅިފައިވާ ދެ ބައިވެރިން ކަމަށެވެ. މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ދެއްކެވީ ދެ ގައުމުގެ ސަގާފަތާއި މިއުޒިކާއި ފިލްމުތަކާއި ތާރީހު އަދި ޖިއޮގުރަފީއެވެ.

"އަހަރެމެން އަބަދުވެސް ތިބެންވާނީ އެކުވެރިންގެ ގޮތުގައި. ގުޅުން ރަނގަޅުވަމުން އަންނާތީ ވަރަށް އުފާކުރަން. ބޮޑުވަޒީރު މޯދީ އާއި ރައީސް މުއިއްޒަށް މަރުހަބާ،" ނަޝީދު ވިދާޅުވެފައިވެއެވެ.