ރާއްޖެ އާއި އިންޑިއާގެ ގުޅުމުގެ ތެރެއިން ދިވެހީންނަށް ފައިދާވާ ކަންތައްތަކެއް ކުރިއަށްއޮތް ތިން ދުވަހު ފަހިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިއުދިއްލީގައި މަސައްކަތްކުރާ އަދި އެކި ކަންކަމުގައި އެގައުމުގައި އުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދޭތެރޭގައި އޮންނަނީ ވަރަށް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމެއް ކަމަށާއި މި ދަތުރުފުޅުގެ ސަބަބުން އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ކަންތައްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ދަތުރު އަދި މި ފެށުނީ. ކުރިއަށްއޮތް ތިން ދުވަހަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފަހިވެގެންދާ ދުވަސްތަކަކަށް ވާނެ. އިރާދަކުރެއްވިއްޔާ މީގެ ފުރިހަމަ ނަތީޖާ، ފޮނިމީރުކަން އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާނެ ދުވަސްތަކަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭސްފަރުވާ އާއި ތައުލީމު އެކި ދާއިރާތަކުން ހާސިލުކުރުމަށާއި އަދި ވިޔަފާރިކުރުމާއި އެކި ކަހަލަ އެކި ކަންކަމުގައި އިންޑިއާއަށް ވަރަށް ގިނަ ދިވެހި ރައްޔިތުން ދަތުރުކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މިހާރަށްވުރެ ފުރިހަމަކުރަން ބޭނުންފުޅުވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތަކީ ވެސް. ރާއްޖޭގައި އުޅޭ ރައްޔިތުންނާއި ރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ފުރިހަމައަށް ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރުން. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވެސް އެކަން އޮތް ގޮތަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.