އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ނިއުދިއްލީއަކީ މުހިންމު ހަބަކަށް ހަދަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިއުދިއްލީގައި މަސައްކަތްކުރާ އަދި އެކި ކަންކަމުގައި އެގައުމުގައި އުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިއްލީގައި ހައި ކޮމިޝަން ހުރުމާއެކު އެހެން ދިމަދިމާލަށްވުރެ ބޮޑަށް ވާ ފަސޭހަތަކެއް ހުންނަން ޖެހޭނެ ކަމަށާއި އެހެންކަމުން ހައި ކޮމިޝަންގެ ފަރާތުން ދިވެހީންނަށް މިހާރު ލިބޭ ކޮންސިއުލާ އެހީތެރިކަމާއި އަދިވެސް އެކި ކަންކަމުގައި މިހާރަށްވުރެ ރަނގަޅުކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ.

"އޭރުން އެކަންކަމަށް ރަނގަޅު ހައްލުތަކެއް ގެންނަން މަސައްކަތްކުރާނަން. ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް، އިންޑިއާގެ ވިޔަފާރިވެރިންނާ ދެ ގައުމު ދޭތެރޭގައި އޮންނަ އެކްޗޭންޖު އިތުރަށް ފުރިހަމަކުރުމަށްޓަކައި، ގިނަކުރުމަށްޓަކައި، ވިޔަފާރީގެ ގޮތުންނާއި އެކި ގޮތްގޮތުން، މި ތަނަކީ މުހިންމު ހަބެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ އިން ވިޔަސް، ދަތުރުފަތުރުކުރުމުގެ ގޮތުން ވިޔަސް، ހުރިހާ ގޮތަކުން ނިއުދިއްލީއަކީ އެކި ދާއިރާތަކުން ރާއްޖެ އާއި ދެ ގައުމުގެ ދޭތެރޭ ގުޅުން ބަދަހިކުރުމުގައި މުހިންމު ތަނަކަށް ހަދަން ބޭނުންފުޅުވާ ކަމަށާއި އެހެންވީމާ އެކަން އެގޮތަށް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

"އަޅުގަނޑު ގަސްދުކުރަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ތިޔަ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް މިހާރަށްވުރެ ފުރިހަމަކުރަން. އެއީ އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތަކީ ވެސް. ރާއްޖޭގައި އުޅޭ ރައްޔިތުންނާއި ރާއްޖޭގެ ކޮންމެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ފުރިހަމައަށް ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރުން. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯގައި ވެސް އެކަން އޮތް ގޮތަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.