ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.

މިއީ އިންޑިއާއަށް ރައީސް ޑރ. މުއިއްޒު މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ފުރަތަމަ ބައްދަލުވުމެވެ.

ރައީސް އޮފީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ، ޖައިޝަންކަރާއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން އިސްކަންދޭ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ދެން މިރޭ ބައްދަލުކުރައްވާނީ ދިއްލީގައި ދިރިއުޅޭ ދިވެހިންނާއެވެ. ރައީސް މުއިއްޒަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުމާއި ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސްގެ ބައްދަލުވުމާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް އަދި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާނީ މާދަމާއެވެ.