ރޭ ޖަރުމަނު ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލެވަކޫސަންއިން ކުޅުނު މެޗުގައި ދެ ގޯލުގެ ލީޑެއް ގެއްލުވާލައި، ހޮލްސްޓެއިންނާ އެއްވަރުވެއްޖެއެވެ.

ރޭ ލެވަކޫސަންއިން އަމިއްލަ ދަނޑުގައި ހޮލްސްޓެއިންނާ އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ލެވަކޫސަންއަށް މިދިޔަ ސީޒަނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ޒަބީ އެލޯންސޯ އެ ކްލަބަށް އިރުޝާދު ދިން 100 ވަނަ މެޗެވެ. މިދިޔަ ސީޒަނުގައި އެލޯންސޯ ލެވަކޫސަންއާއެކު ބަލިނުވެ، ލީގު ނެގުމުގެ އިތުރުން ޖަރުމަން ކަޕްވެސް ކާމިޔާބުކުރިއެވެ. އެޓީމަށް ގެއްލުނީ ޔޫރޮޕާ ލީގެވެ. އެއީ އެޓަލާންޓާ ކައިރިން ފައިނަލުގައި ބަލިވެގެންނެވެ.

ރޭ ލީގުގައި ލެވަކޫސަން ކުޅުނު މެޗުގައި އެޓީމުން ފެށީ ފުރިހަމަ ފެށުމެކެވެ. މެޗުގެ ފުރަތަމަ އަށް މިނެޓް ތެރޭގައި އެޓީމުން ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖެހީ ޖެރެމީ ފްރިމްޕޮންގާއި އާމިން ގިގޮވިޗެވެ.

ރަނގަޅު ފެށުމަކުން ލެވަކޫސަން ފެށި ނަމަވެސް، ހާފު ނިމުމުގެ ކުރިން ހޮލްސްޓެއިންއިން ވަނީ ގޯލެއް ޖަހައި މެޗަށް އަނބުރާ ވަދެފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ގޯލު ޖެހީ މެކްސް ގެސްޗްވިލްއެވެ. އެ ގޯލާއެކު މެޗަށް އަނބުރާވަދެ، ހޮލްސްޓެއިންއިން އެއްވަރުކުރީ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައެވެ.

އެޓީމަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޔާން-ފިއެޓޭ އާޕެވެ.

ޖަރުމަނު ލީގުގައި ބަޔާން ލެވަކޫސަން މިވަގުތު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. އެއީ ހަ މެޗުން 11 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ބަޔާން މިއުނިކް އޮތް އިރު، ދެވަނައިގައި އޮތީ ފްރޭންކްފާޓެވެ. ތިންވަނައިގައި ފްރީބާގް އަދި ހަތަރު ވަނައިގައި ލެއިޕްޒިގް އޮތް އިރު، ލެވަކޫސަންއާއި ބަޔާންގެ ފަރަގަކީ ދެ ޕޮއިންޓްގެ ފަރަގެކެވެ.