ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރުވެސް ޝީޝާ ހަމަޖައްސައިފިއެވެ.

އެކަމަށް މަޝްވަރާކޮށް މިހާރު އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާއިރު، ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޓައިޓަލް ސްޕޮންސަރަކީވެސް ޝީޝާއެވެ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބާއްވާ އިންޓަ ސްކޫލް މުބާރާތަކީ މިހާރު ލ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓެވެ. އެ މުބާރާތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބޭއިރު، ލ. އަތޮޅުން ޒުވާން ފުޓްބޯޅަ ކުޅުންތެރިން މުބާރާތުގެ ތެރެއިން އުފެދިގެންދާކަން އަތޮޅު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތަކީ އަތޮޅު ކައުންސިލުން 2015 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެކެވެ. 2016 ވަނަ އަހަރުގެ މުބާރާތަށްފަހު މުބާރާތް ނުބޭއްވި ފަސް އަހަރު މެދުކެނޑިގެންދިޔަ ނަމަވެސް، މިދިޔަ ދެ އަހަރު ފޯރިއާއެކު މުބާރާތް ބާއްވާފައިވެއެވެ. އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި މުބާރާތުގައި ޖުމުލަ ނުވަ ސްކޫލަކުން ވާދަކޮށް، ތަށި ނެގީ ލ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އެއީ ފައިނަލުގައި ހަމަދު ސްކޫލް ބަލިކޮށްގެންނެވެ.

އަތޮޅު ކައުންސިލުން ޝީޝާ އާއެކު މިފަހަރުވެސް އެއްބަސްވުމަކަށް އައިސްފައިވާއިރު، އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމު ވެހިކަލް އެތެރެކޮށް ވިއްކާ އެއް ކުންފުންޏެވެ. ޝީޝާގެ ފިހާރައެއް ލ. އަތޮޅު ގަމުގައި ހުންނައިރު ޝީޝާގެ ހިދުމަތް ލ. އަތޮޅުގައި އިތުރަށް ފުޅާކުރުމަށް ޝޯރޫމަކާއި ސާވިސް ސެންޓަރެއް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް 2023 ގެ މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިއަހަރުގެ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް"އާއެކު އެއްބަސްވެފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ކިޔުންތެރިންނާ ހަމައަށް "ވަން އޮންލައިން" މެދުވެރިކޮށް ގެނެސްދޭން ވަނީ ނިންމައިފައެވެ.