ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަތައް ލ. މާމެންދޫ ސްކޫލާއި ލ. އިސްދޫ ސްކޫލުން ހޯދައިފިއެވެ.

ލ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަހަރު ޖުމުލަ 11 ސްކޫލަކުން ވާދަކުރަމުންދާ އިރު، ފޯރިގަދަ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދިޔައީ ތިން ގްރޫޕްކަށް ބަހާލައިގެންނެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކުއާޓާގެ މެޗުތައް އާދީއްތަ ދުވަހު ފަށާފައިވާ އިރު، އިއްޔެ ވަނީ ކުއާޓާ ފަހު ދެމެޗުވެސް ކުޅެފައެވެ. އިއްޔެ ހަވީރު ކުޅުނު ކުއާޓާ މެޗުގައި މާމެންދޫ ސްކޫލުން މާވަށު ސްކޫލް ބަލިކުރީ ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި މާމެންދޫ ކީޕަރު މުހައްމަދު މާއިލް މޫސާ ތަފާތު ދެއްކި އިރު، އެޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އަހުމަދު ހާޒިމްއާއި އަހުމަދު ލައިޝް ސަލީމް އަދި މާއިލްއެވެ.

މާވަށު ސްކޫލަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ދެ ކުޅުންތެރިންނަކީ މުހައްމަދު އިޔާން އާރިފް އަދި އަބްދުﷲ މީޝަމް މުހައްމަދެވެ.

ރޭ ކުޅުނު ކުއާޓާ ފަހު މެޗުގެ ނަތީޖާވެސް ކަނޑައަޅަން ޖެހުނީ ޕެނަލްޓީގައެވެ. ލ. އަތޮޅު ސްކޫލާއި އިސްދޫ ސްކޫލް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެފައި އޮތް އިރު، ޕެނަލްޓީގައި އިސްދޫ ސްކޫލުން މެޗު ކާމިޔާބުކުރީ 5-4 އިންނެވެ.

މެޗުގައި އިސްދޫ ސްކޫލްގެ އަހުމަދު އާނިސް ގޯލެއް ޖަހާފައި އޮއްވާ އަހުމަދު ޝިވާން ފާރޫގެ ޖެހި ދެ ގޯލުން އަތޮޅު ސްކޫލުން ނަތީޖާ އަނބުރާލި ނަމަވެސް، ނިމެން ދަނިކޮށް އަލީ މަމްނޫން މެޗު އެއްވަރުކުރިއެވެ.

ޕެނަލްޓީގައި އިސްދޫ ކާމިޔާބު ހޯދައި ސެމީގައި މިރޭ 8:15 ގައި ނުކުންނާނީ ހަމަދު ސްކޫލާ ދެކޮޅަށެވެ. މިއަދު ހަވީރު 4:15 ގައި އޮންނަ ސެމީ ފުރަތަމަ މެޗުގައި އިހައްދޫ ސްކޫލް ނުކުންނާނީ މާމެންދޫ ސްކޫލާ ދެކޮޅަށެވެ.