ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ޖާގަތައް އިހައްދޫ ސްކޫލާއި ހަމަދު ސްކޫލުން ހޯދައިފިއެވެ.

ލ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަހަރު ޖުމުލަ 11 ސްކޫލަކުން ވާދަކުރަމުންދާ އިރު، ފޯރިގަދަ ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ދިޔައީ ތިން ގްރޫޕްކަށް ބަހާލައިގެންނެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު އިއްޔެ ވަނީ ކުއާޓާ ފައިނަލްގެ މެޗުތައް ފަށައިފައެވެ. ލ. ގަމު ޒޯން ސްޓޭޑިއަމްގައި މެޗުތައް ކުރިއަށްދާ އިރު، އިހައްދޫ ސްކޫލުން ސެމީ ފައިނަލް ޔަގީންކުރީ އެންމެފަހުގެ ޗެމްޕިއަން ލ. އަތޮޅު ތައުލީމީ މަރުކަޒު ކަޓުވާލުމަށްފަހުއެވެ.

އިހައްދޫ އާއި ތައުލީމީ މަރުކަޒު އިއްޔެ ހަވީރު ކުޅުނު ކުއާޓާ މެޗު، އިހައްދޫން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި އާއިސް އިބްރާހީމް ގޯލެއް ޖަހާފައި އޮއްވައި، 10 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ތައުލީމީ މަރުކަޒުން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއިން އިސްމާއީލް ލައިޒަލް ޝަރީފް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ.

މެޗުން އިހައްދޫ ސްކޫލް މޮޅުވި ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ އަހުމަދު އަޔާން ޝަރީފެވެ. އިއްޔެގެ މެޗު ނިމެން ދަނިކޮށް، ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން އިހައްދޫގެ އާއިސް އަދި ތައުލީމީ މަރުކަޒުގެ މުހައްމަދު އަޔާން އަލީއަށް ރަތް ކާޑު ދައްކާފައިވެއެވެ.

ރޭ ކުޅުނު ކުއާޓާ ދެވަނަ މެޗުގައި މިދިޔަ އަހަރު ފައިނަލްގައި ކުޅުނު ހަމަދު ސްކޫލުން ކަލައިދޫ ސްކޫލް ބަލިކުރީ 5-1 އިންނެވެ.

މެޗުގައި ފުރަތަމަ ކަލައިދޫ ސްކޫލުން ލީޑު ނެގީ ނޫހު މުހައްމަދު ހުސައިން ޖެހި ގޯލުންނެވެ. ހާފު ނިމުމުގެ ކުރިން ނޫހު އިސްމާއީލް ޖެހި ގޯލުން ހަމަދު އެއްވަރު ކުރި އިރު، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމަކާ އެކު އިތުރު ގޯލުތައް ޖަހައިފައެވެ.

އެ ގޯލުތައް ޖެހީ ހަމަދުގެ ފުރަތަމަ ގޯލު ޖެހި ނޫހާއި އަނާން އިބްރާހީމްގެ އިތުރުން އިބްރާހީމް ނާއިޝް އަހުމަދެވެ. ނާއިޝްވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ހަވީރާއި މިރޭވެސް އޮންނާނެއެވެ. މިއަދު ހަވީރު މާމެންދޫ ސްކޫލުން މާވަށު ސްކޫލާ ދެކޮޅަށް ނުކުންނަ އިރު، މިރޭ ލ. އަތޮޅު މަދަރުސާ ނުކުންނާނީ އިސްދޫ ސްކޫލާ ދެކޮޅަށެވެ.