ބުރަބޮޑުކަމުން އަމިއްލައަށް އެދިގެން ބެލްޖިއަމް ގައުމީ ޓީމުން ބްރޭކެއް ނަގަން ކެޕްޓަން ކެވިން ޑި ބްރޭނާ ނިންމައިފިއެވެ.

މިދިޔަ މަސް ތެރޭގައި މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގައި ޑި ބްރޭނާގެ ފަލަމަސްގަނޑަށް އަނިޔާވެގެން ވަނީ ބާލައިފައެވެ. އޭގެފަހުން އެންމެފަހުން ސިޓީން ކުޅުނު ހަތަރު މެޗުގައިވެސް އުމުރުން 33 އަހަރުގެ ޑި ބްރޭނާ ފެނިގެންގޮސްފައެއް ނުވެއެވެ.

ޑި ބްރޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، މި މަހުގެ މެދުތެރޭގައި އެނބުރި އަންނާނެ ކަމަށް ސިޓީން ވަނީ ބުނެފައެވެ. މި ހަފުތާގެ ލީގު މެޗުތަކަށްފަހު އިންޓަ ނޭޝަނަލް ބްރޭކަށްދާ އިރު، ބެލްޖިއަމުން ނޭޝަންސް ލީގުގައި އިޓަލީއާއި ފްރާންސް ވާދަކުރާނެއެވެ. އެ މެޗުތަކަށް ޑި ބްރޭނާ ސްކޮޑަށް ނުނަގަން ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ އޮތީ މާކުރިންވެސް ނިންމައިފައެވެ.

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް އެގޮތަށް ނިންމާފައި ވަނިކޮށް ޑި ބްރޭނާ މިހާރު ވަނީ ނޮވެމްބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކަށްވެސް އޭނާ ގައުމީ ޓީމުގެ ސްކޮޑަށް ނުނަގަން ކޯޗު ކައިރިން އެދިފައެވެ.

ބެލްޖިއަމް ކޯޗު ޓެޑެސްކޯ ބުނީ ޑި ބްރޭނާއާ ވަރަށް ދިގުކޮށް ފޯނުން ވާހަކަ ދައްކާފައިވާ ކަމަށާއި ހަށިގަނޑަށް މާބުރަ ބޮޑުވާތީ ޑި ބްރޭނާ އެދުނީ ނޮވެމްބަރު މަހުގެ ގައުމީ ޓީމު މެޗުތަކުގެ ސަކޮޑަށްވެސް ނުނެގުމަށް ކަމަށެވެ. ޓެޑެސްކޯ ބުނީ ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕާއެކު ކުޅުންތެރިންގެ ޝެޑިއުލް އިތުރަށް ބުރަ ބޮޑުވާނެ ކަމަށާއި ޑި ބްރޭނާ މުހިންމު ވަގުތު ގައުމީ ޓީމުން އަދިވެސް ފެންނާނެ ކަމަށެވެ.

ޑި ބްރޭނާ މީގެ ދުވަސް ކޮޅެއް ކުރިން ގައުމީ ޓީމުން ރިޓަޔާވާން އުޅޭ ކަމަށް ދޭހަަވާ ގޮތަށް ވާހަކަ ދެއްކި ނަމަވެސް، ކޯޗު ޓެޑެސްކޯ ބުނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމް އާއެކު ނުކުންނަން ޑި ބްރޭނާ ތައްޔާރަށް ހުރި ކަމަށެވެ.