ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ބޭރުކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވަނީ އެކަން އެގޮތަށް ކުރައްވައިފިނަމަ އަބްދުއްރަހީމް، ރައީސް މުއިއްޒުގެ ވާހަކަތައް ހާމަކުރައްވާނެތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސްއާއި އަބްދުއްރަހީމްއާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދިފައިވާކަމުގެ ވާހަކަތަކެއް ފެތުރިފައިވާ ކަމަށެވެ. އެހެން އެކަންވާނަމަ އަބްދުއްރަހީމް ބޭރުނުކޮށް ބަހައްޓައިފައި އެހުރީ ކީއްވެގެންތޯ ޔާމީން ވިދާޅުވިއެވެ.

"އަބްދުއްރަހީމް ގެއިން ނެރެއްޖިއްޔާ މުއިއްޒަކަށްވެސް ނޯވެވޭނެ ގަނޑުވަރަކު. އެ ދެ އަހުން ގުޅިފަ އެހެރީ ހަމަ އެއް ފޫޅުދަނޑިއަކުން ކާނާ ލިބޭގޮތަށް. ރަމީޒު ބޭރުކޮށްލައިގެން އަދި އޭނާގެ ފަރާތުން މުއިއްޒުގެ ވާހަކަތައް ނުނިކުތަސް އަބްދުއްރަހީމް ބޭރުކޮށްލައިގެންނެއް ވާހަކަތައް ނުނިކުމެއެއް ނުހުންނާނެ،" ޔާމީން ވިދާޅުވިއެވެ.

ރައީސާއި އަބްދުއްރަހީމްއާ ދެމެދު ޖެހިގެން އުޅޭ ސިޔާސީ ނުތަނަވަސްކަމުގެ ވާހަކަތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަތުމަށް ކުރި ދަތުރުގައި އަބްދުއްރަހީމާއި ރައީސް އެކުގައި "ސޮއްސާލާފައި"ވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވެރިކަން ހޯދައިދެއްވުމަށް މަަސައްކަތްކުރެއްވި މީހުންނާ މެދު އިހާނެތިކޮށް ރައީސް ކަންތައް ކުރައްވަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެ މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެންނެވުނީމާ އެހެން މީހުން ކައިރިއަށް ދާން ދެން ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ހީފުޅުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.