މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާ ގޭގެ ޖާގަ އިތުރުކޮށް މަރާމާތުކޮށްފައިވަނީ އެ މަނިކުފާނު މޭޔަރުގެ މަގާމުގައި ހުންނެވިއިރު ތައްޔާރުކުރެއްވި ކޮންސެޕްޓާ އެއްގޮތަށް ކަމަށާއި އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.

އާސަހަރާ މިސްކިތާއި ހިނަވާގެއަށް ޖާގަ އިތުރުކޮށް މަރާމާތަށްފަހު ހުޅުއްވައިދެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވީ އާސަހަރާ މިސްކިތަކީ ހިތްގައިމު، ޖާގަ ތަނަވަސް ތަނަކަށް ހެދުން ކަމަށެވެ. ރައީސް ވިދާޅުވީ އާއިލާތަކަށް އެންމެ ހިތްދަތި ވަގުތުގައި އާސަހަރާގައި ތިބޭ އިރު، އެ ތަނުގައި ފަސޭހައިން ތިބެވޭނެ އިންތިޒާމެއް ހަމަޖައްސަވައިދޭން ބޭނުންފުޅުވި ކަމަށާއި އެ މަސައްކަތް މިއަދު ނިމިފައި ހުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އުފާކުރަން އޭރު އަޅުގަނޑުމެން ބޭނުންވި ގޮތަށް ބޭނުންވި ފެންވަރުގަ ކޮންސެޕްޓުގަ މިތަން ހަދާ ނިމުނީމަ. ހަގީގަތަކަށް ވީމަ، އެކަންވީމަ އުފާކުރަން. އުންމީދުކުރަން މި މިސްކިތަށް އަންނަ މީހުންނާ މި ފެސިލިޓީ ބޭނުންކުރާ އެންމެން އަދި މުވައްޒަފުން ފަސޭހަތަކެއްވާނެ ކަމަށް. ޖާގަ އިތުރުކުރެވި ކުރިއަށްވުރެ ގިނަ މީހުންނަށް އަވީގަ ނުތިބެ ބޭނުންކުރެވޭނެ. އަދި ރައްޔިތުން އެދޭ ކަހަލަ ތަނަކަށް މިތަން ވާނެކަމަށްވެސް އުންމީދުކުރަން." ރައީސް ވިދާޅުވިއެވެ.

މަރާމާތަށް އާސަހަރާ މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން، އެ މަސައްކަތަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އެ މަސައްކަތާ ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް ފައިސާ ދިން ނަމަވެސް، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލުކުރަން ޖެހުނެވެ.

މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނި އަތުން އެ މަސައްކަތް ނަގަން ޖެހުނީ ސްރަކްޗާ މަސައްކަތްތައް ރަނގަޅަށް ކުރަމުންނުދާތީ ކަމަށެވެ. އަދި އެ ފަހުން އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވީ އެ ތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.

އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ޖުމުލަ 71.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާސަހަރާ މިއަދު ރަސްމީކޮށް ހުޅުވާފައިވާ އިރު، މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މިސްކިތުގެ ތިރީ ބައި ވަނީ ހުޅުވައިފައެވެ.

  • އިތުރު ހިނަވާ އަށްޓެއް
  • އަންހެނުން ނަމާދު ކުރުމަށް ވަކި ތަނެއް
  • އަންހެނުންނަށް ވުލޫ ކުރުމަށް ވަކިތަނެއް
  • އަންހެނުންނަށް ވަކި ފާހަނައެއް
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ފާހަނާއެއް
  • ހުރިހާ ފާހަނާއެއް ޒަމަނީ ފެންވަރަށް ތަރައްގީ ކޮށްފައި
  • މިސްކިތުގެ ޖާގަ ބޮޑުވުން
  • އެތަނަށް އަންނަ ފަރާތްތައް މަޑުކޮށްލާނެ ތަނެއް