މާލޭގެ އާ ސަހަރާގެ މިސްކިތަށް އިތުރުކުރި ބަޔާއި ހިނަވާގެ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މައްޔިތުންގެ މޫނުބަލަން ދާ މީހުން މަޑުކުރާނެ ޖާގަ ބޮޑުކޮށް ހެދި ބަޔާ އެކު އާސަހަރާ މިސްކިތް އެއްކޮށް ނިންމައި، ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމްއެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް ވިދާޅުވީ އާސަހަރާ މިސްކިތުގެ ޖާގަ މިހާރު ވަރަށް ބޮޑަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ހިނަވާ ތަނުގެ ޖާގަ ވެސް އިތުރުކޮށްފައިވާ ކަމަށާއި ސަހަރާ ބޭނުން ކުރަން ދާ އާންމުންނަށް އިށީނދެގެން މަޑުކޮށްލެވޭނެ ތަނެއް ފުރަތަމަ ފަންގިފިލާގައި އޭސީކޮށް، ބޮޑު ޖާގައެއް ހުންނާނެ ކަމަށެވެ.
އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ފާހާނާއަކާއި އާންމުންނަށް ބޭނުން ކުރެވޭނެ ހާއްސަ ފާހަނާއެއް ހުންނާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
- އިތުރު ހިނަވާ އަށްޓެއް
- އަންހެނުން ނަމާދު ކުރުމަށް ވަކި ތަނެއް
- އަންހެނުންނަށް ވުލޫ ކުރުމަށް ވަކިތަނެއް
- އަންހެނުންނަށް ވަކި ފާހަނައެއް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ފާހަނާއެއް
- ހުރިހާ ފާހަނާއެއް ޒަމަނީ ފެންވަރަށް ތަރައްގީ ކޮށްފައި
- މިސްކިތުގެ ޖާގަ ބޮޑުވުން
- އެތަނަށް އަންނަ ފަރާތްތައް މަޑުކޮށްލާނެ ތަނެއް
މަރާމާތަށް އާސަހަރާ މިސްކިތް ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން، އެ މަސައްކަތަށް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އެ މަސައްކަތާ ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް ފައިސާ ދިން ނަމަވެސް، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލުކުރަން ޖެހުނެވެ.
މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރި ކުންފުނި އަތުން އެ މަސައްކަތް ނަގަން ޖެހުނީ ސްރަކްޗާ މަސައްކަތްތައް ރަނގަޅަށް ކުރަމުންނުދާތީ ކަމަށެވެ. އަދި އެ ފަހުން އާސަހަރާ މިސްކިތުގެ މަސައްކަތް ލަސްވީ އެ ތަނުގެ ކުރެހުމަށް އެކި ބަދަލުތައް ގެންނަން ޖެހުމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ.
އާސަހަރާ މިސްކިތް މަރާމާތުކުރުމަށް ޖުމުލަ 71.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާސަހަރާ މިއަދު ރަސްމީކޮށް ހުޅުވާފައިވާ އިރު، މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މިސްކިތުގެ ތިރީ ބައި ވަނީ ހުޅުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު