ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ކޯޓުން ކުރި އެ އަމުރުގައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިން އެ ދެ ފުލެޓް ފުލުހުންނާ ހަވާލުކުރުމަށް ބައްސާމުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެހެންވެ އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހުގެ 18 ގައި އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓުގެ ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާއިން ވަނީ އެފްއޭއެމްއަށް 1.9 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކޮށްފައި ކަމަށެވެ. އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ބައްސާމް ވަނީ އަމިން އެވެނިއުއަށް ދައްކައިފައި ކަމަށެވެ.
"މި ދެންނެވި މުއާމަލާތަކީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމްއަށް 2021 އެޕްރީލް 14 ވަނަ ދުވަހު ފީފާއިން ޖަމާކޮށްފައިވާ 1،019،950 ޔޫއެސް ޑޮލަރުގެ ތެރެއިން އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއެއްކަން އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ،" ސަވާދު ވިދާޅުވެފައިވެއެވެ.
"މިހާތަނަށް ބެލި ބެލުމުން މި މުއާމަލާތާ ގުޅޭ ދިވެހި ރުފިޔާ ދައްކާފައިވާކަން ދެއްކުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައި. މި ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް، ލޯނު ނަގާފައިވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަދި މި ލޯނުގެ ފައިސާގެ އަދަދާއި އަމިން ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ރިސިޕްޓުތަކުގައި ބަޔާންކޮށްފައިވާ ފައިސާގެ އަދަދާ ދިމާވާކަން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،"
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ސަވާދު ވިދާޅުވެފައިވެއެވެ. އަދި ކުންފުންޏެއްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެއީ ބައްސާމް، މ. ހިރިނައިދޫ، ހަސަން ވަހީދު 49، އާއި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް، 35، އެވެ. އަދި ވަނީ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވައިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ ފަރާތްތަކަށް ތުހުމަތުކުރެވެނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށް ކަމަށް އަހުމަދު ސަވާދު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު