ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ލިވަޕޫލާއި ޔުވެންޓަސްއިން ރޭ ކުޅުނު މެޗުތައް ކާމިޔާބު ކުރި އިރު، އެތުލެޓިކޯ މެޑްރިޑުން ބެންފިކާ ކައިރިން ބޮޑު ބައްޔެއް ވެއްޖެއެވެ.

ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބޮލޯނިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި ޔުވެންޓަސްއިން ރަތް ކާޑަކާ އެކު ކުޅެ، ރަށުން ބޭރުގައި ރޭ އާރްބީ ލެއިޕްޒިގް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭ އެތުލެޓިކޯ މެޑްރިޑުން ބެންފިކާ ކައިރިން ރަށުން ބޭރުގައި ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ރޭ ކުޅުނު މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ އެލެކްސިސް މެކް އަލިސްޓާއެވެ. މެކް އަލިސްޓާ އެ ގޯލު ޖެހީ މުހައްމަދު ސަލާހްގެ ހުރަހަކުން އޭރިއާ ތެރެއިން ފަސޭހައިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

ސަލާހް، މެޗުގައި ނުރައްކާތެރިކޮށް ފެނިގެން ގޮސްފައިވާ އިރު، 75 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ފުޅާކުރީ ސަލާހްގެ ގޯލުންނެވެ. އެ ގޯލާއެކު ލިވަޕޫލުން މިހާތަނަށް ޗެމްޕިއަންސް ލީގު ލީގު ބުރުގައި ދެވަނަ މޮޅެއް ހޯދި އިރު، އެޓީމުން މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

ލެއިޕްޒިގާއި ޔުވެންޓަސް ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ލެއިޕްޒިގުންނެވެ. ފުރަތަމަ ހާފުގައި ގޯލު ޖެހީ ބެންޖެމިން ސެސްކޯއެވެ. ދެވަނަ ހާފުގައި ޑޫސަން ވްލަހޮވިޗް ޖެހި ގޯލުން ޔުވެންޓަސް ނަތީޖާ އެއްވަރުކޮށް، މެޗަށް އަނބުރާ ވަން އިރު، އެޓީމަށް އުނދަގޫތަކަކާ ދިމާވީ އޭގެ އިރުކޮޅެއް ފަހުން މިޝޭލޭ ޑި ގްރެގޯރިއޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

އެ ރަތް ކާޑާއެކު ސެސްކޯގެ އިތުރު ގޯލަކުން ލެއިޕްޒިގް ލީޑު ނެގި ނަމަވެސް، ޔުވެންޓަސްގެ ވްލަހޮވިޗް އިތުރު ގޯލެއް ޖަހައި، ޗިކޯ ކޮންސެކާއޯގެ ވެސް ގޯލާއެކު ޔުވެންޓަސްއިން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބު ކޮށްފައެވެ.

ޔުވެންޓަސް ލީގު ބުރުގައި ދެ މެޗުން ހަ ޕޮއިންޓް ހޯދައި ހަތް ވަނައިގައި އޮތް އިރު، މޮޅެއް ނުހޯދި ލެއިޕްޒިގް އޮތީ 29 ވަނައިގައެވެ.

ބެންފިކާއިން ރޭ އެތުލެޓިކޯ ކޮޅަށް ގޯލުތައް ޖެހީ ކެރެމް އަކްތުރުކޮގްލޫގެ އިތުރުން އެންހޭލް ޑި މާރިއާ، އެލެކްސެންޑާ ބަހްގެ އިތުރުން އޮރްކުން ކޮކްޗޫއެވެ.