މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި އިއްޔެ ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުން އެމްއެމްއޭ އިން ދެން ދޫކުރާނީ ޓިއަ 1 މަނީ ޗޭންޖިން ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަ 2 މަނީ ޗޭންޖިން ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.

ޓިއާ 1 ގެ ދަށުން ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ. ޓިއާ 1 ގެ ދަށުން ލައިސަންސް ދެނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ކުންފުނީގެ ވެރިމީހާއަކީ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށާއި އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހެނީ ދިވެހިންނަށް ކަމަށް ގަވާއިދުގައިވެއެވެ.

ޓިއާ 2 ގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކަށް ކަމަށް ގަވާއިދުގައިވެއެވެ.

އެމްއެމްއޭއިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ގަވާއިދަށް އަމަލުކުރަން ފަށާ އިރު، އެމްއެމްއޭއިން ދޫކުރާ ލައިސަންސެއް ލިބިގެން ރާއްޖޭގައި މަނީޗޭންޖިން ވިޔަފާރި ކުރާ ފަރާތްތަކުން، އެ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ދިނުމާ މެދު ވަކި ގޮތެއް ނިންމައި އަންގަންދެން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށްގެންދެވޭނެ ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި، ޓިއާ 1 މަނީ ޗޭންޖިން ލައިސަންސް ނުވަތަ ޓިއާ 2 މަނީ ޗޭންޖިން ލައިސަންސަށް އެދި ހުށަހަޅާފައިނުވާ ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް، މި މުއްދަތު ހަމަވާ ތާރީހުގައި ބާތިލުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ލައިސަންސް އާ ކުރުމަށް ހުށަހަޅާނީ https://extranet.mma.gov.mv/money-changers މެދިވެރުކޮށް ލައިސަންސަށް އެދޭ ފޯމުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ގަވާއިދުގެ ސަބަބުން އަލަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 50 ފަރާތަށްވުރެ އިތުރުނުވާނެ ގޮތަށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަލަށް ލައިސަންސަށް އެދޭ ފަރާތްތައް 50 އަށްވުރެ އިތުރުވާނަމަ، ލައިސަންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެގޮތުން އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު 3012122 އަށް ގުޅައިގެންނާއި [email protected] މެއިލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.