ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ފަސް އަންހެނަކާއި އެ މީހުންގެ އޭޖެންޓް އަތުލައިގަނެ، ޑީޕޯޓުކޮށްލުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެމީހުން އަތުލައިގަނެފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި މިދިޔަ މަހުގައި ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ކަމަށެވެ.
އެކަމުގައި ޝާމިލުވާ ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް އޭގެ ތެރެއިން ތިން މީހަކު ޑީޕޯޓުކޮށްލައި، ބާކީ ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ޑީޕޯޓުކޮށްލި ތިން މީހުންގެ ތެރެއިން އެކަކު ޑީޕޯޓުކޮށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އަދި އަނެއް ދެ މީހުން ޑީޕޯޓުކޮށްލީ މިދިޔަ މަހުއެވެ. އިމިގްރޭޝަނުން އިތުރަށް ޑީޕޯޓުކޮށްލުމަށް މަސައްކަތްކުރާ ތިން މީހުންގެ ތެރެއިން އެކަކަކީ އެމީހުންގެ އެޖެންޓެވެ.
މިދިޔަ އޮގަސްޓް މަހު ހިންގި އެހެން އިންސްޕެކްޝަނެއްގައި ވެސް އިމިގްރޭޝަނުން ވަނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ތިން އަންހެނަކާއި އެ މީހުންގެ އޭޖެންޓް އަތުލައިގަނެ ޑީޕޯޓުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު