ޓޫރިސްޓު ފެސިލިޓީތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބަލައިގެން ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން ގެސްޓް ހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ރާއްޖެއަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާބެހޭ ގަވާއިދެއް ހަދައި, މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިއްޔެ ވަނީ ގެޒެޓުކޮށްފައެވެ.
އިއްޔެ ގެނައި ބަދަލާ އެކު ޑޮލަރު މާރު ކުރަން ޖެހޭނީ ޓޫރިސްޓު ފެސިލިޓީއަކަށް ޓޫރިސްޓުން އަންނަ މިންވަރަކުންނެވެ. އެގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އެ ފެސިލިޓީއަކުން މާރު ކުރަންޖެހެ އެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަންޖެހެއެވެ.
އެމްޑީޕީގެ ސަރުކާރުގައި އިިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓޫރިސްޓު ފެސިލިޓީތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމަށް ލާޒިމުކުރުމަކީ، ބޭރު ފައިސާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ނިންމި އެންމެ ބޮޑު ނިންމުން ކަމަށެވެ. އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް އެކަން ތަންފީޒުކުރާ ގޮތާ މެދު ކަންބޮޑުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކޮންމެ ބޮލަކަށް ވަކި މިންވަރަކަށް ޑޮލަރު ނެގުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ލިބޭ އާމްދަނީން ވަކި ޕަސެންޓޭޖެއް ނެގުން ކަމަށާއި މިހާރު ފޯމިއުލާ އޮތް ގޮތުން ގެސްޓް ހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް ފުނޑޭނެ ކަމަށް ވިދާޅުވިއެވެ.
"މި ސިޔާސަތުގެ މިހާރުގެ ސިފައިގައި ތަންފީޒުކޮށްފި ނަމަ ގެސްޓް ހައުސްތަކާއި ދަށު ފަންތީގެ ރިސޯޓުތައް ހަލާކުވެގެން ދާނެ. ގެސްޓް ހައުސްތަކާއި ސަފާރީތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން ލިވްއަބޯޑް އިންޑަސްޓްރީއަށާއި މެދު ފަންތީގެ ރިސޯޓްތަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެކަމުގެ ސަބަބުން ކުދި އަދި މެދުރާސްތާގެ ތަންތަން ދެމިއޮތުމަށާއި މުސްތަގުބަލުގައި ބޭރުގެ އިންވެސްޓްމަންޓްތައް އައުމަށް ބުރޫއަރާފާނެ ކަމަށެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ފަށައި، މިހާރު އަމަލުކުރަމުން އަންނަ ގަވައިދު މުރާޖައާކޮށް، ކުރިއަށް ދާނެ ގޮތާމެދު ހަރުދަނާ އެއްބަސްވުމަކަށް އައުމަށް ސަރުކާރަށާއި އެމްއެމްއޭއަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު