ގައުމީ، ބޭންކް، ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް) ގެ 13 ކަސްޓަމަރެއްގެ 480،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ހިޔާނާތްތެރިވި މައްސަލައެއްގައި އެ ބޭންކުގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު، ޖޫރިމަނާކޮށް މުޖުތަމައަށް ހިދުމަތް ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބ. އޭދަފުށީ، ހިޔާވަހި، އަލީ މާޒިންގެ މައްޗަށެވެ.
ދައުލަތުން އޭނާއަށް ކުރި ހިޔާނާތްތެރި ވުމުގެ ކުށުގެ ދައުވާގައި ބުނެފައި ވަނީ، މާޒިން އަދާކުރި މަގާމުގެ ގޮތުން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން އެކި ދުވަސްމަތިން ބީއެމްއެލްގެ 13 ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުގެ ސީއާރުއެމް ސިސްޓަމުން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށް އެ ކަސްޓަމަރުންގެ އެކައުންޓްތަކުން 482،611 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑު ޕޭމަންޓުގެ ގޮތުންނާއި ފޮރެކްސް ޓްރާންސެކްޝަންގެ ގޮތުގައި އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުއާމަލާތްކޮށްފައިވާ ކަމަށެވެ.
އެއަމަކު އޭނާ ހިންގާފައިވަނީ 18 ސެޕްޓެމްބަރު 2012 އިން ފެށިގެން 26 އޮކްޓޫބަރު 2021 ގެ ނިޔަލަށެވެ.
އެ މައްސަލައިަގއި އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
މާޒިން އެ ދައުވާއަަށް އިއުތިރާފުވިއެވެ. އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.
ހިޔާނާތްތެރިވުމުގެ ކުށަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ނަމަވެސް ޕީޖީ އޮފީހުން، މާޒިންއާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ ގުޅިގެން އަދަބުގެ ދަރަޖަ ދަށްކޮށް، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް، 40 ގަޑިއިރުވަންދެން މުޖުތަމައަށް ހިދުމަތްކުރަން އެންގުމާ އެކު 56،200 ރުފިޔާއިން މާޒިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒްލިފާ އިއްޔެ ވަނީ ހުކުމް ކުރައްވައިފައެވެ. އަދި ޖޫރިމަނާ ފައިސާ އިއްޔެ އިން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މީރާއަަށް ދެއްކުމަށް ވެސް އޭނާގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.
ޚަބަރު
ޚަބަރު