ދެހާސް ބާވީސް ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދޭއްގައި މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ ހއ. ހޯރަފުށި، ހާޝިމް މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން އާއިލާގެ ފަރާތުން ހުށަހަޅައިފައިވާ ކަންބޮޑުވުންތައް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހާޝިމް މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ މާލޭގައި ދިރިއުޅެމުންދާ ގެއިންނެވެ. ހާޝިމް މަރުވެފައި އޮއްވައި ފެނުނު އިރު، ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ މައްސަލަ ތަހުގީގުކޮށްފައެވެ. އެ ތަހުގީގަށްފަހު ފުލުހުން ބުނެފައިވަނީ ހާޝިމްގެ މަރުގެ މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުފެންނަ ކަމަށެވެ.
އެ މަރުގެ މައްސަލައަށް މިހާރު ދެ އަހަރެއްހާ ދުވަސް ވެފައިވާ އިރު، އެ މަރުގެ މައްސަލަ މިހާރު ފެންމަތިވެފައިމިވަނީ ހާޝިމްގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ފޯޖުކޮށް، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލްގެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އެ އާއިލާއިން ތުހުމަތު ކުރަމުންދާތީއެވެ.
ފުލުހުން މިއަދު ބުނީ "މި މައްސަލައިގެ ތަހުގީގު ނިންމާފައި ވަނިކޮށް އާއިލާއިން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ އެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން" ކަމަށެވެ.
ހާޝިމްގެ މަރުގެ މައްސަލައާ ގުޅިގެން ކުރި ތަހުގީގަށް އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ ފޯނު ތަހުލީލު ކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އިތުރު އެއްވެސް އިލެކްޓްރޯނިކް އާލާތެއް މި މައްސަލައިގެ ތަހުގީގަށް ގެނެސްފައެއް ނުވޭ" ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ އަބްދުލްޖަލީލް އިސްމާއިލާ ގުޅޭ ފޯޖަރީގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ހާޝިމްގެ އާއިލާއާއި ޖަލީލުއާ ދެމެދު މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގައި ހިންގާ ފިހާރައެއްގެ ތެރޭގައި ހަމަނުޖެހުމެއް ވެސް ހިނގައިފައެވެ.
ފުލުހުން ބުނީ، އެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މުދަލާއި ގެދޮރުގެ މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ދެ ފަރާތަށް ވެސް އިރުޝާދު ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު