އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި ބްރައިޓަން ބަލިކުރި އިރު، އާސެނަލުން ފަހުވަގުތު ދެ ގޯލު ޖަހައި ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ޗެލްސީ އާއި ބްރައިޓަން، ޗެލްސީ ދަނޑުގައި ކުޅުނު މެޗު 4-2 އިން ނިމިފައިވާ އިރު، އާސެނަލުން އަމިއްލަ ދަނޑުގައި ލެސްޓާ ބަލިކުރީ ވެސް 4-2 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ޗެލްސީން މިރޭ ހޯދި ތިން ޕޮއިންޓާ އެކު އެޓީމުން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. އެއީ ހަ މެޗުން 13 ޕޮއިންޓާއެކުގައެވެ. އާސެނަލުން ހަ މެޗުން 14 ޕޮއިންޓާ އެކު ދެވަނައިގައި އޮތް އިރު، އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީވެސް އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލެއްގެ ފަރަގެވެ.
ޗެލްސީ އާއި ބްރައިޓަން މެޗުގައި ހުރިހާ ގޯލެއް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފު ހަމަލާތައް ގިނަ ހާފެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ ބްރައިޓަންއިންނެވެ. ޖިއޯޖީނިއޯ ރުޓާ ޖެހި އެގޯލުން ބްރައިޓަން ލީޑު ނެގި ނަމަވެސް ޗެލްސީން ދިޔައީ ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންނެވެ.
ކޯލް ޕާމާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އޭގެ މިނެޓެއް ފަހުން 21 ވަނަ މިނެޓުގައި އޭނާ ޗެލްސީއަށް މެޗު އެއްވަރު ކޮށްދިނެވެ. އެއީ ނިކޮލަސް ޖެކްސަން ދިން ބޯޅައެއް ހުސްކޮށް އޮވެ ގޯލަށް ވައްދާލައިގެންނެވެ. އޭގެފަހުން ވެސް ޗެލްސީން ފުލުފުލުގައި ހަމަލާތައް އުފައްދަމުން ގޮސްފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.
ޖޭޑަން ސަންޗޯއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ އެކު ޗެލްސީއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ވެސް ޕާމާއެވެ. ޕާމާގެ އެ ގޯލާ އެކު ޗެލްސީން ލީޑު ނަގައި، މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައި ޗެލްސީން ތިންވަނަ ގޯލެއް ވެސް ޖެހިއެވެ.
އޭގެފަހުން އަނެއްކާ ވެސް ބްރައިޓަންއިން ދެވަނަ ގޯލެއް ޖެހިއެވެ. ޗެލްސީ ކީޕަރު ރޮބާޓޯ ސަންޗޭޒް އަތުން ހެދުނު ގޯހަކުން އެ ގޯލު ޖެހީ ކާލޮސް ބަލެބާއެވެ. އެ ގޯލާ އެކު ބްރައިޓަންއިން ހިތްވަރެއް ހޯދި ނަމަވެސް ޕާމާ ވަނީ އޭނާގެ ހަތަރު ވަނަ ގޯލާ އެކު ޕްރިމިއާ ލީގު ތާރީހުގައި އެއް ހާފެއްގައި ހަތަރު ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ.
ދެވަނަ ހާފުގައި ވެސް ޕާމާއި ޖެކްސަންގެ ހަމަލާތައް ފެނުނު ނަމަވެސް މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އާސެނަލުން މިރޭ ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، ލެއާންޑްރޯ ޓްރޮސާޑް ޖެހި ގޯލުން އާސެނަލް ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ދެ ގޯލުގެ ލީޑާ އެކު އާސެނަލުން ފުރަތަމަ ހާފު ހަމަޖެހިލައިގެން ނިންމާލި ނަމަވެސް، ލެސްޓާ ސިޓީން ވަނީ ދެވަނަ ހާފަށް ނުކުމެ ދެ ގޯލު ޖަހައިފައެވެ.
އެ ދެ ގޯލު ވެސް ޖެހީ ޖޭމްސް ޖަސްޓިންއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލް ކޮޅަށް ޖެހި ދެ ގޯލުން ލެސްޓާއިން މެޗު އެއްވަރުކޮށް ޕޮއިންޓެއް ހޯދަން ދަނިކޮށް، އާސެނަލުން އިތުރު ދެ ގޯލު ޖެހީ 94 އަދި 98 ވަނަ މިނެޓުގައެވެ. އޭގެ ތެރެއިން އެއް ގޯލު ވިލްފްރިޑް އެންޑީޑީ އަތުން ބައިކޮޅަށް ވަން އިރު، އަނެއް ގޯލު ޖެހީ ކައި ހަވާޓްސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު