ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގައި އެގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ދެ ވަނަ ހަފުތާއަށް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވަނީ މިމަހު ކުރީ ކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަމަވެސް ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ތާރީހެއް ހާމައެއް ނުކުރެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެ ވަނަ ހަފުތާގައެވެ. އެގޮތުން ހަތަރު ދުވަހުގެ މުއްދަތަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ރައީސް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ވަނީ މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
މި ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެއީ ސަރުކާރުގެ ތިން ނައިބު ވަޒީރަކު، މޯދީއަށް ފުރައްސާރަކުރުމާއި އިންޑިއާއަށް ނުސީދާ ގޮތެއްގައި ސަރުކާރުގެ އިސް ބޭފުޅުން ފާޑުވިދާޅުވުމުންނެވެ. އެކަމުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ބޮޑުތަނުން މަދުވިއެވެ. ނަމަވެސް ސަރުކާރުގެ މަސައްކަތުން ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން މިހާރު އަންނަނީ ރަނގުވަމުންނެވެ.
އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް އިންޑިއާއަށް ދަތުރުކުރައްވާފައިވާ އިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ވެސް ދާދި ފަހުން ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ.
އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހަފުތާގައި އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ޑީންސް ލީޑާޝިޕް ސީރީޒްގައި ރައީސް ވިދާޅުވީ، އެއް އިރެއްގައި ވެސް "އިންޑިއާ އައުޓް" ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ވިދާޅުވީ އަބަދުވެސް މައްސަލައަކަށް ވެފައި އޮތީ އިންޑިއާގެ މިލިޓަރީ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ގައުމަކާ އެއްވެސް އިރެއްގައި ދެކޮޅެއް ނޫން. އިޓްސް ނޮޓް 'އިންޑިއާ އައުޓް'. ބޭރުގެ މިލިޓަރީ މި ފަސްގަނޑުގައި ތިބުމުގެ ސީރިސް މައްސަލައެއް ރާއްޖެއަށް އޮތީ ކުރިމަތިވެފަ،" ރައީސް ވިދާޅުވި އެވެ.
"ބޭރުގެ އެންމެ ސިފައިންގެ މީހަކު ގައުމުގައި ހުރުމަށް ވެސް ދިވެހި ރައްޔިތުން ނޭދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެ ޑެޕިއުޓީ މިނިސްޓަރަކު މަލާމާތް ކުރި މައްސަލައިގައި އެމަނިކުފާނު ފިޔަވަޅު އެޅުއްވި ކަމަށް ވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު