ރަޝިޔާއަކީ ނިއުކުލިއަރ ބާރެކެވެ. އެންމެ ގިނަ އަދަދެއްގެ ނިއުކުލިއަރ ހަތިޔާރުހުރީ ރަޝިޔާގައެވެ. އަދި އެންމެ ބާރުގަދަކަމަށް އެނގިފައިވާ ނިއުކުލިއަރ ހަތިޔާރު ހުރީވެސް ރަޝިޔާގައެވެ. ރަޝިޔާ މިއަދު އެއޮތީ ހަނގުރާމައިގެ ހާލަތުގައެވެ. ޔުކްރޭނާއި ރަޝިޔާއާ ދެމެދު ނުހުއްޓި ގަދަފަދަވެގެންވާ ހަގުރާމައެއް ހިނގަމުންދާތާ ތިންއަހަރު ވެއްޖެއެވެ. މި ހަގުރާމައިގައި ރަޝިޔާ ބަލިކޮށްލުމަށް ހުޅަނގުގެ ބާރުތަކުން މެދުނުކެނޑި ޔުކްރޭނަށް ހަތިޔާރު އޮއްސަމުން އެބަގެންދެއެވެ. އޭގެތެރޭގައި ނިއުކުލިއަރ ހަތިޔާރުހުރި ގައުމުތަކުގެ ތެރެއިން އެމެރިކާއާއި ފްރާންސް އަދި އިނގިރޭސިވިލާތް ހިމެނެއެވެ. އެގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދޭ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ތެރެއަށް ހަމަލަނުދޭން މިހާތަނަށް އޮންނަނީ ޝަރުތުކޮށްފައެވެ. އެކަމަކު މި ޝަރުތު އުވައިލައި ޔުކްރޭނު ހިތާވާހައި ތަނަކަށް ހަމަލަދިނުން ހުއްދަކުރަން ހުޅަނގުގެ ބާރުތަކުން މިހާރުގެންދަނީ ވިސްނަމުންނެވެ.

މިގޮތަށް ވިސްނުމުގެ މާނަޔަކީ ކޮބައިބާވައެވެ. މާނަޔަކީ އެމެރިކާއިން ފޯރުކޮށްދޭ އެންމެ ޒަމާނީ މިސައިލެއްގެ އެހީގައި ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިންއަށް ހަމަލާދޭން ޔުކްރޭން ބޭނުންވިޔަސް އެކަންކުރުމުގެ ހުއްދަ ލިބުމެވެ. ހިތްވަރުވެސް ލިބުމެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިކަހަލަ ހާލަތެެއްގައި ރަޝިޔާއިން ނިއުކުލިއަރ ހަތިޔާރުން ރައްދު ދީފާނެތޯއެވެ. ރަޝިޔާއިން ނިއުކުލިއަރ ހަތިޔާރު އުފައްދައި ގުދަންކޮށްގެން އެތިބީ އިސްވެ ބަޔަކު އެޒާތުގެ ހަތިޔާރަކުން ރަޝިޔާއަށް ހަމަލަދީފިނަމަ ދެން ރައްދުގައި ބޭނުންކުރަންތޯއެވެ. އެނޫން ގޮތަކަށް ނިއުކުލިއަރ ހަތިޔާރުގައި އަތްލެވޭނެ ގޮތެއް ނޯންނަނީތޯއެވެ. އެހެން އިބާރާތަކުން ދަންނަވަންޏާ އެތައްހާސް ނިއުކުލިއަރ ހަތިޔާރަކާއި އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ އެކިނަންކިޔާ މިސައިލްތައް ހަދައިގެން އެތިބީ ރީތިކަމުން ފަރިބަލަން އެކަނިބާވައެވެ. ނޫނެކެވެ. ފަރިބަލާކަށް ނޫނެވެ. އެކަމަކު ހެދިފައިވާ ގަވާއިދުތަކެއްގެ ސަބަބުން ނިއުކުލިއަރ ހަތިޔާރުގައި އިސްވެ އަތްލާން ފަސޭހަނުވަނީއެވެ.

ނިއުކުލިއަރ ހަތިޔާރުހުރި ގިނަ ގައުމުތަކުން އެތަކެތި އުފައްދައިގެން އެތިބީ ޒިންމާތަކެއްވާކަންވެސް ގަބޫލުކޮށްގެންނެވެ. އަރައިގަންނަ ކޮންމެ ރުޅިއެއްގައި ނިއުކުލިއަރ ހަތިޔާރުގައި އަތްނުލެވޭނެހެން އެތިބީ ގަވާއިދުތައް ހަދައި އެޔަށް ތަބާވެގެންނެވެ. އޭގެތެރޭގައި ރަޝިޔާވެސް ހިމެނެއެވެ. ރަޝިޔާއިން އެކަށައަޅާފައިވާ ގަވާއިދުގައި ބުނަނީ ރަޝިޔާއިން އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގައެވެ. އެފަދަ ހަތިޔާރެއްގެ ބޭނުން ހިފާނީ ހަމައެވައްތަރުގެ ހަތިޔާރަކުން އެހެންބަޔަކު ރަޝިޔާއަށް ހަމަލަދީފިނަމަ އެބަޔަކާ ދެކޮޅަށް ކަމުގައެވެ. މިގޮތަށް ގަވާއިދުތައް ލިޔެ އެޔަށް ތަބާވެގެން ތިއްބައި ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ރަޝިޔާގެ ވިސްނުން ބަދަލުކުރަން ވަނީ މަޖުބޫރުވެފައެވެ. ނިއުކުލިއަރ ހަތިޔާރުގައި އަތްނުލައި، ނިއުކުލިއަރ ހަނގުރާމައެއް ނުކޮށް ރަޝިޔާ ފުނޑައިލުމަށް ހުޅަނގުގެ ގައުމުތަކުން ކެތްމަދުވެފައިވާ މަންޒަރު ފެނުމުންނެވެ.

މީގެ 35 އަހަރު ކުރިން ހުޅަނގުހެ ގައުމުތަކުން ސޯވިއެޓް ޔޫނިއަން ފުނޑުފުނޑުކޮށް ވުޖޫދުން ފޮހެލީވެސް ނިއުކުލިއަރ ހަނގުރާމައެއް ކޮށްގެނަކުން ނޫނެވެ. ހަމައެބީދައިން ރަޝިޔާވެސް ފުނޑާލަން މިހާރު އެތިބީ ކަމަރުބަނދެގެންކަން ރަޝިޔާއަށް ކަށަވަރު ވެއްޖެއެވެ. މިހިސާބަށް ކަންކަން ދިޔައީމާ ރަޝިޔާގެ ނިއުކުލިއަރ ސިޔާސަތު އެގައުމުން އިސްލާހުކޮށްފިއެވެ. އާނއެކެވެ. އިސްވެ ނިއުކުލިއަރ ހަތިޔާރު ބޭނުންކުރުން ހުއްދަކޮށްފިއެވެ. އިންސާނުން އަމިއްލައަށް ހަދާ ގާނޫނުތަކާއި ގަވާއިދުތައް އިންސާނުންނަށް އިސްލާހުކޮށް ބަދަލުކުރެވޭނޭތާއެވެ. އެގޮތުން ރަޝިޔާގެ ނިއުކުލިއަރ ސިޔާސަތު މިހާރު އެތިބީ ބަދަލުކޮށްގެންނެވެ. މިއީ އުފާކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ ހިތާމަކޮށް ބިރުވެތިވާންޖެހޭ ކަމެކެވެ. އެހެނީ ނިއުކުލިއަރ ހަތިޔާރަކީ މުޅިދުނިޔެއަށްހުރި ނުރައްކަލެކެވެ. މުޅި އިންސާނިއްޔަތަށް ހުރި ބިރެކެވެ. ރަޝިޔާއިން މިކަން މިގޮތަށް ނިންމުމުގެ ފަހަތުގައި ބޮޑެތި ސަބަބުތަކެއް ވާނެއެވެ. އެގައުމުގެ ދެމިއޮތުމަށް ނުރައްކާތަކެއް ހުރިކަމަށް ގަބޫލުކުރެވުމަކީ ސަބަބެކެވެ.

ހުސްވި ހަފުތާގެ ބުދަދުވަހު ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވިއެވެ. އަހަރެމެންގެ ގައުމާ ދެކޮޅަށް ކޮންވެންޝަނަލް ހަތިޔާރަކުން ހަމަލަދިނަސް އެ ހަމަލައެއްގެ ގޮތާއި ބާވަތާއި އެ ހަމަލައަކަށް އެހީތެރިވި ފަރާތްތަކަށް ރިއާޔަތްކޮށްފައި އަހަރެމެން ނިއުކުލިއަރ ހަތިޔާރަކުން ރައްދުދީފާނަމެވެ. ދޭނަމެވެ. އޭނާ މިކަމުގެ ތަފްސީލް ދެއްވަމުން ވިދާޅުވިއެވެ. އަހަރެމެންނަށް ހަމަލަދޭ ގައުމަކީ ނިއުކުލިއަރ ހަތިޔާރުހުރި ގައުމަކަށް ނުވިޔަސް އެ ހަމަލައެއް ދިނީ ނިއުކުލިއަރ ހަތިޔާރު ހުރި ގައުމެއްގެ ބައިވެރިވުމާއި ތާއީދާއެކު ކަމަށްވަނީވިއްޔާ އެއީ ރަޝިޔާ ނައްތައިލުމަށް އެދެފަރާތް ގުޅިގެން ދީފައިވާ ހަމަލައެކެވެ. އެކަހަލަ ހަމަލައެއްގެ ރައްދު ނިއުކުލިއަރ ހަތިޔާރުން ދެވޭނެއެވެ. ދޭންވެސްވާނެއެވެ.

ރައީސް ޕުޓިންގެ މި ތަގުރީރަށްފަހު ރަޝިޔާ ސަރުކާރުގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ. ހުޅަނގުގެ ގައުމުތަކުން ދެން ކަންކަން ނިންމާނީވަރަށް ވިސްނައިފައި ކަމަށް ހީކުރަމެވެ. ޒާތްޒާތުގެ ހަތިޔާރު ޔުކްރޭނަށް ދީފައި އެތަކެތިން ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލަދޭން ވާގިވެރިވުމަކީ ހަމަސީދާ މި ހަނގުރާމައިގައި އެގައުމުތަކުން ބައިވެރިވުންކަމާއި އެއްވެސް ބާވަތެއް އިސްތިސްނާ ނުކޮށް ރަޝިޔާގެ އަތުގައިހުރި އެންމެހައި ހަތިޔާރުވެސް އެބަޔަކާ ދެކޮޅަށް ބޭނުންކުރެވޭނެކަން އަދި ކުރާނެކަން ހުޅަނގަށް މިހާރު ވިސްނެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެއަކަސް މިއަޑުތައް ހުޅަނގުގެ ގައުމުތަކުން އަހައިފިއެވެ. ދެން ބުންޏެވެ. އަސްތައަސްތާއެވެ. އެއްވެސް މިންވަރަކަށް ޒިންމާދާރުވުމުގެ ސިފައެއް ނެތެވެ. މުޅިންވެސް ބިރު ދައްކަނީއެވެ. އަހަރެމެން ނުސިހެއެވެ. ނުސިހޭނަމެވެ. ނުސިހެމޭ ބުންޏަސް އެތިބީ ސިހިފައެވެ. ނިއުކުލިއަރ ހަތިޔާރަކީ ކިހައިވަރެއްގެ ކޮންކަހަލަ ހަތިޔާރެއްކަން މޭރުންވާވަރު ބޮޑުކަމުންނެވެ. ޔުކްރޭނާއި ބައިވެރިވެގެން ކުރަން ރާވާފައިވާ ކަންކަމުގެ ނަތީޖާ ބިރުވެރިވާނެކަން އިހުސާސްވުމުންނެވެ.