ރާއްޖޭގެ ޓޫރިޒަމް "ކޮޕީ،ޕޭސްޓު" ކޮށްގެން އެހެން ގައުމުތަކުން ޓޫރިޒަމް ދާއިރާގެ ޕްރޮޖެކްޓުތައް ކުރިއަށްގެންދާ ކަމަށާއި އެގޮތުން ކުރިއަށްގެންދާ ސައުދީ އަރަބިއްޔާގެ ރެޑްސީ ޕްރޮޖެކްޓަކީ، ރާއްޖޭގެ ޓޫރިޒަމްގެ ވާދަވެރިއެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ސައުދީގެ ރެޑްސީ ޕްރޮޖެކްޓަކީ ސައުދީ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ދަ ރެޑްސީ ގްލޯބަލް (އާރުއެސްޖީ) އިން ކުރިއަށްގެންދާ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަޝްރޫއުކެވެ. ރެޑްސީ ޕްރޮޖެކްޓަކީ ތެލަށް ބަރޯސާވެފައިވާ ސައުދީގެ އިގުތިސޯދު ޑައިވާސިފައި ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫއެވެ. އެ މަޝްރޫއުގެ ތެރެއިން ބައެއް މަތީ ފަންތީގެ ރިސޯޓުތައް ތަރައްގީ ކުރުމަށްފަހު މިހާރު ވަނީ ހިދުމަތް ދޭން ފަށައިފައެވެ. އެ ރިސޯޓުތަކުގެ ތެރޭގައި ސިކްސް ސެންސް ސަދާން ޑޫނުސް ދަ ރެޑްސީ، އެސްޓީ ރެޖިސް ރެޑްސީ ރިސޯޓް، ރަ ރިޒް ކާލްޓަން ރިޒާމް، ގްރާންޑް ހަޔާތު ދަ ރެޑްސީ، ނުޖުމާ، އަ ރިޒް ކާޓަން ރިޒާވް އަދި އަމަލާ ރިސޯޓު ހިމެނެއެވެ.
އޭގެ ތެރެއިން އަމާލާ ރިސޯޓު ފިޔަވައި ދެން ހުރި ރިސޯޓުތައް ހިންގާ ކުންފުނިތަކުން ދަނީ ރާއްޖޭގައި ވެސް މަތީ ފަންތީގެ ރިސޯޓުތައް ހިންގަމުންނެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ފައިސަލް ވިދާޅުވީ ރާއްޖޭގެ އޮންނަ ފަދަ "ވަން އައިލެންޑް ރިސޯޓް" ކޮންސްޕެޓާ ގުޅޭ ޕްރޮޖެކްޓެއްގެ މަސައްކަތް ސައުދީން ކުރަމުންދާ ކަމަށެވެ.
"ދިވެހިރާއްޖެއަކީ ވޯލްޑް ލީޑިން ޑެސްޓިނޭޝަނެއް އިނގޭތޯ އެހެންވީމާ. މިއަދު ދުނިޔޭގެ އެކި ތަންތާނގައި މޯލްޑިވްސް އެބަ ކޮޕީ ޕޭސްޓްކުރޭ. އެހެންވީމާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑަށް ފެންނަނީ. ހަމަ އެގޮތުން މީގެ ތެރޭގައި ކޮމްޕެޓިޝަން ވެސް އަންނާނެ. ހަމަ ފާހަގަކޮށްލަން ސައުދީ އަރަބިއްޔާގެ ރެޑްސީ ޕްރޮޖެކްޓު، ވަރަށް ދިވެހިރާއްޖެއާ އެއްގޮތް ކަހަލަ އަދި ދިވެހިން މިއަދު އެތާނގައި މަސައްކަތް ވެސް އެބަކުރޭ އެތާ ބައެއް ހޮޓަލްތަކުގަ، ބައެއް ހޮޓަލްތަކުގެ މެނޭޖަރުންގެ ގޮތުގައި އަދި އެކިއެކި ވަޒީފާތަކުގައި،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރެޑްސީގެ ހޮޓަލްތަކުގައި ދިވެހިން ވަޒީފާ އަދާކުރުމުގެ ސަބަބުން ހޮސްޕިޓަލިޓީ ދާއިރާގައި ދިވެހިންނާއި ރާއްޖެއިން ކުރި ހޯދާފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.
ރާއްޖެއަކީ ޓޫރިޒަމްގެ ލީޑިން ޑެސްޓިނޭޝަނަކަށް ވިޔަސް އެކަމުގައި ދެމިތިބުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ފައިސަލް ވިދާޅުވީ ރެޑްސީ ޕްރޮޖެކުޓުގެ މަސައްކަތް ކުރިއަށްދަނީ ދިވެހިންގެ ވެސް ހިއްސާއާއެކު ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޓޫރިޒަމް އިންޑަސްޓްރީ މިހާރަށްވުރެ ފުޅާކުރަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މި ފަސް އަހަރު ނިމެންވާއިރަށް، ރާއްޖެއަށް އަހަރަކު އަންނަ ފަތުރުވެރިންގެ އަދަދު 3.5 މިލިއަނަށް ނުވަތަ ހަތަރު މިލިއަނަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޓޫރިޒަމް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް މިވަގުތު އެންމެ މުހިންމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް އޮޕަރޭޝަނެއް ގެނައުން ކަމަށެވެ. މިއަަހަރުގެ ޑިސެމްބަރުގެ ތެރޭގައި އެ ޓާމިނަލް ބޭނުންކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުން ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުން އެ މަސައްކަތްތައް ކުރަމުންދާ އިރު، ޓޫރިޒަމް އިންޑަސްޓްރީއަށް ނޭދެވޭ އަސަރުކޮށްފާނެ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ފައިސަލް ވިދާޅުވީ ދިވެހި ޒުވާނުން ޓޫރިޒަމް އިންޑަސްޓްރީއަށް އިންވެސްޓުކޮށް އެ ދާއިރާއިން ފައިދާ ހޯދާތަން ދެކެން ބޭނުންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު