ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން މަރުގެ ހުކުމް ކުރި، ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު ބަންދުކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.
އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެ ސަމާހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
އެ އިސްތިއުނާފުގެ މައްސަލަ ބަލައި، މިދިޔަ އަންގާރަދުވަހު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ސަމާހު މަރަން ކުރިމިނަލް ކޯޓުން ހުކުމް ކުރި މައްސަލައިގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާލުމަށެވެ.
ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސުއޫދު ވިދާޅުވީ، މި މައްސަލައިގައި ސަމާހަށް އަނިޔާކުރިކަން އެނގޭ ހެކިން ތިބި ކަމަށާއި އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ސަމާހުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ހެކިން ތިބި ނަމަ އެ ހެކިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު ސަމާހުއަށް ދިނުމަށް ކުރިމިނަލް ކޯޓަށް އަންގަން ފެންނަ ކަމަށް ވިދާޅުވިއެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ފަސް ފަނޑީޔާރުންގެ އިއްތިފާގުން ހުކުމް ކުރީ މި މައްސަލައިގައި ސަމާހުގެ ބަޔާނުގެ އިތުރުން މިނިވަން މުސްތަގިއްލު ހެތްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުސަތު ދިނުމަށްފަހު، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ އެ ކޯޓަށް ތަހުވީލު ކުރުމަށެވެ.
އެ ހުކުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ސަމާހުގެ ބަންދާމެދު އަލުން އަލުން ގޮތެއް ކަނޑައެޅުމަށް އެދި ލަސްނުކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް އަމުރުކޮށްފައެވެ. ސަމާހުގެ ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށްވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު