ލެއާންޑްރޯ ޓްރޮސާޑަށް ރަތް ކާޑު ދެއްކުމާއެކު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ކުޅުމަކީ އާއްމުކޮށް އެހާލަތުގައި ކޮންމެ ޓީމަކުންވެސް ކުޅޭނެ ކުޅުން ކަމަށް ބުނެ، ފާޑުކިޔުންތަކަށް މިކޭލް އާޓެޓާ ރައްދު ދީފިއެވެ.

އާސެނަލުން އެންމެފަހުން މިދިޔަ އަހަރުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ސިޓީން ގޯލެއް ޖެހިފަހުން އާސެނަލުން ފަހަތުން އަރައި ދެ ގޯލުގެ ލީޑެއްވެސް ނެގިއެވެ. އަދި އެ ލީޑު ފަހު ސިކުންތާ ޖެހެންދެން އާސެނަލުން ދެމެހެއްޓިއެވެ. އެއީ ޓްރޮސާޑަށް ރަތް ކާޑެއްވެސް ދައްކާފައި ވަނިކޮށެވެ.

ލީޑު ހިފަހައްޓަން އާސެނަލުން ވަގުތު ބޭކާރު ކުރުމަށް އަނިޔާވި ކަމަށް ހެދިގެން ވެއްޓި، ބޯޅަތައް ލަސްކޮށްފައިވާ ކަމަށް ސިޓީގެ ބައެއް ކުޅުންތެރިން ތުހުމަތުކޮށްފައިވެއެވެ. އަދި ބައެއް ހާލަތްތަކުގައި ގަސްދުގައި މެޗު ލަސްކޮށް، ރެފްރީއަށް ޝަކުވާކުރުމުގެ އިތުރުން މުޅި ޓީމު އެއްކޮށް އަމިއްލަ އޭރިއާ ތެރެއަށް ޖެހި ޑިފެންސް ކުރި ކުރުމަށްވެސް ސިޓީ ކުޅުންތެރިން ވަނީ ފާޑު ކިޔައިފައެވެ.

"އަހަރެމެން ކުޅެން ޖެހޭނީ ހާލަތު ތަންދޭ ގޮތަކަށް. އެއީ ކޮންމެ މެޗެއްގައިވެސް ވާނެ ގޮތެއް. ސިޓީން ރޮޑްރީއަށް އަނިޔާވެ ދަނޑުން ބޭރުގައި ހުރި 30 ވަރަކަށް ސިކުންތު ކުޅުނީ 10 ކުޅުންތެރިންނާއެކު. އެވަގުތު ސިޓީ ފަހަތަށް ޖެހުނުވަރު ބަލާލަން ޖެހޭ،" އާޓެޓާ ބުންޏެވެ.

"އަހަރެމެން ޓީމުން މެޗުގެ ބޮޑު ބައެއް ކުޅުނީ އެހާލަތުގައި. އަދި ކުރިން އަހަރެމެން 2021 ވަނަ އަހަރު ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގްރަނިޓް ޒަކާއަށް ރަތް ކާޑު ދެއްކުމުން ސިޓީން އަހަރެމެން ކޮޅަށް ފަސް ގޯލު ޖަހައި ބަލިކުރި. އެހެންވީމަ އެ މެޗުން ފިލާވަޅު ހޯދައިގެން އަހަރެމެން ކުރިއަށް ޖެހެން ނުވިސްނީ،" އާޓެޓާ އިތުރަށް ބުންޏެވެ.

އާސެނަލުން މެޗުގައި ވަގުތު ދުއްވަން މަސައްކަތް ކުރިތަން ގިނަ ފަހަރުމަތިން ދެވަނަ ހާފުގައި ފެނިގެން ދިޔައެވެ. އެގޮތުން ކީޕަރު ޑޭވިޑް ރާޔާއާއި ޖޫރިއެން ޓިމްބާގެ އިތުރުން ރިކާޑޯ ކަލަފިއޯރީއާއި ގެބްރިލް މާޓިނެލީވެސް އަކުނިވަޔަށް ދަމާ ކަމަށްބުނެ ފަރުވާ ހޯދަން ދަނޑު މައްޗަށް ވެއްޓިފައިވެއެވެ.