ސްރީ ލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސުރިޔާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. ހަރަނީގެ ލިޑާޝިޕުގެ ދަށުން ލަންކާއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެއާއި ލަންކާގެ ގުުޅުން އިތުރަށް ވަރުގަދަކޮށް، އެކުގައި މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވަނީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަށް ވެސް މަރުހަބާ ދަންނަވައިފައެވެ. ރައީސް ވިދާޅުވެފައިވަނީ އަވަށްޓެރި ސްރީލަންކާ އާއި ރާއްޖޭގެ ތާރީހީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އަނޫރާއަށް ކުރިމަގުގައި ވެސް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވިއެވެ.

އެ ޓުވީޓުގެ ކުއޯޓު ކުރައްވައި ޑިސަނާޔަކަށް ވިދާޅުވެފައިވަނީ ލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ގުޅުން ވަރުގަދަކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް އަނޫރާ ވިދާޅުވެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް 38 ކެންޑިޑޭޓުން ވާދަކުރިއެވެ. މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވެސް ވާދަކުރެއްވިއެވެ.

އަނޫރާ އާއި ރަނިލްގެ އިތުރުން ދެން ވާދަކުރެއްވި މުހިންމު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނުނީ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، އެސްއެލްޕީޕީގެ ނަމާލް ރާޖަޕަކްސަ، ކުރީގެ ރައީސް ރަނަސިންހަ ޕްރެމަޑާސާގެ ދަރިކަލުން އަދި އިދިކޮޅު ޕާޓީ ސަމަގީ ޖަނަ ބަލަވެގާޔާގެ ލީޑަރު ސަޖިދު ޕްރެމަޑާސާ، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ސަރަތު ފޮންސޭކާ، ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓުން ވާދަކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަޑާސާ ރާޖަޕަކްސެ އެވެ.

އިންތިހާބުގައި އަނޫރާ އެންމެ ގިނަ ވޯޓު ހޯއްދެވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ލީޑަރު ސަޖިތުއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ މިހާރުގެ ރައީސް ރަނިލް އެވެ.