ނިމިދިޔަ 2023-24 ވަނަ އަހަރު ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލްއިން ދޭ ބެލޮންޑިއޯ އެވޯޑު ލިބޭނެ ކުޅުންތެރިޔަކީ ބްރެޒިލްގެ ރެއާލް މެޑްރިޑް ތަރި ވިނީޝިއަސް ޖޫނިއާ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ މަރްކާއިން ބުނެފިއެވެ.

މަރްކާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބެލޮންޑިއޯ ލިބޭނެކަން މިހާރު ވިނީޝިއަސްއަށް ވެސް ވަނީ ޔަގީންވެފައެވެ. އެހެންވެ އެކަމަށް އޭނާ ތައްޔާރުވަމުންދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ޕެރިހުގައި އޮންނަ ބެލޮންޑިއޯ އިވެންޓްގައި ވިނީޝިއަސްއާ އެވޯޑަށް އެންމެ ގާތުން ވާދަކުރާ ކުޅުންތެރިންނަކީ އެމްބާޕޭ އާއި ރޮޑްރީގެ އިތުރުން ޖޫޑް ބެލިންހަމް އަދި އާލިން ހާލަންޑެވެ. ވިނީޝިއަސް ވަނީ މިދިޔަ ސީޒަނުގައި ރެއާލަށް ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ.

އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ހަ ގޯލު ޖަހައި، ފަސް ގޯލަށް އެސިސްޓް ކޮށްދީފައެވެ. އަދި ހާއްސަކޮށް ވިނީޝިއަސް ފާހަގަކޮށްލެވުނީ މުހިއްމު ވަގުތުތަކުގައި ރެއާލަށް ތަފާތު ދެއްކި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ވިނީޝިއަސްގެ ސްޕޮންސާ ނައިކީންވެސް ދަނީ ބެލޮންޑިއޯއަށް ތައްޔާރުވަމުންނެވެ. އެގޮތުން ބެލޮންޑިއޯ އިވެންޓަށްފަހު މެޑްރިޑްގެ ގްރޭން ވިއާގައި ނައިކީގެ ހާއްސަ ފިހާރައެއް، ވިނީޝިއަސްއަށް ހާއްސަކޮށް ހުޅުވާނެ ކަމަށް ބުނެފައިވެެއެވެ. އަދި ވިނީޝިއަސްއަށް ހާއްސަ ރަން ބޫޓެއްވެސް ނައިކީން ރިލީސް ކުރާނެ ކަމަށް ނޫސްތައް ބުނެފައިވެއެވެ.