ކުރިއަށް އޮތް ސީޒަންއާ ދިމާކޮށް ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން ރާއްޖެއަށް ދަތުރުތައް ކުރަން ނިންމައިފިއެވެ.
އެއާ ފްރާންސުން ވަނީ ކުރިއަށް އޮތް ފިނި މޫސުމަށް 73 ގައުމެއްގެ 169 މަންޒިލަށް ދަތުރުކުރަން ނިންމައިފައެވެ. ފިނި މޫސުން ކުރިއަށްދާނީ މި އަހަރުގެ ނޮވެމްބަރުން ފެށިގެން އަންނަ އަހަރުގެ މާޗުގެ ނިޔަލަށެވެ.
އެއާ ފްރާންސާ ހަވާލާދީ ޓްރެވަލް އެންޑް ޓުއާ ވޯލްޑް ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޑިސެމްބަރު 20 އިން ޖެނުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
އެ މުއްދަތުގައި ހަތަރު ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން އީއާރު300-700 މަރުކާގެ ބޯޓެއް ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ. އެއީ 342 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ފްރާންސް ހިމެނެ އެވެ. އެ ގައުމު ހިމެނެނީ އެ ލިސްޓުގެ 8 ވަނައިގަ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ފްރާންސުން 40،644 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި 1.4 މިލިއަން ފަތުރުވެރިންގެ 2.3 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު