އިޓާލިއަން ސެރެއާ އޭގެ ރޯމާގެ ވެރިޔާ ޑޭން ފްރީޑްކިން، އެވަޓަންގެ 94 ޕަސެންޓް ހިއްސާ ގަތުމަށް އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ފްރީޑްކިން އެއްބަސްވެފައި ވަނީ ފަރުހާދު މޮޝީރީ އަތުގައި އޮތް ހިއްސާ ގަތުމަށެވެ. މިވަގުތު ދެފަރާތުން އެއްބަސްވެ، އެވަޓަން ވިއްކާލަން މަޑުކުރަމުން އަންނަނީ އެ ޑީލަށް ޕްރިމިއާ ލީގާއި އިނގިރޭސި ފުޓުބޯޅަ އިދާރާ އަދި ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ އާނބަސް ބުނަންދެނެވެ.
ފްރީޑްކިން ގްރޫޕްގެ ތަރުޖަމާނު ނޫސްތަކަށް ބުނެފައި ވަނީ އެވަޓަންގެ މައިގަނޑު ހިއްސާ ގަތުމަށް އެ ގްރޫޕުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، ތާރީހީ ކްލަބެއްގެ ހިންގުމާ ހަވާލުވުމަށް ފުރުސަތު ލިބުމަކީ އެ ގްރޫޕަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކްލަބު ދެމެހެއްޓނިވި ގޮތެއްގައި ހިންގޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރުމުގެ އިތުރުން، ކްލަބުގެ ސްޓޭޑިއަމް މަސައްކަތް އަވަސްކޮށް ނިންމާލަން ބޭނުންވާ ކަމަށްވެސް ފްރީޑްކިން ގްރޫޕުން ބުންޏެވެ.
އެވަޓަންގެ މާލީ ހާލަތު ގޯސްވެ، މިދިޔަ ސީޒަނުގެ ތެރެއިން އެޓީމުން ޕޮއިންޓްވެސް ވަނީ އުނިކޮށްފައެވެ. ކްލަބުގެ ހިންގުން ގޯސްވެ، އެ ކްލަބުގެ މައިގަނޑު ހިއްސާ ވިއްކާލަން އިއުލާނުކޮށްފައިވެއެވެ.
ފްރީޑްކިންގެ އިތުރުން އެވަޓަންއަށް ލޯނުގެ ގޮތުގައި 158 މިލިއަން ޕައުންޑް ދީފައިވާ އިނގިރޭސި ވިޔަފާރިވެރިން ކަމަށްވާ އެންޑީ ބެލް އާއި ޖޯޖް ޑޯނިންވެސް އެވަޓަންގެ ބޮޑު ހިއްސާއެއް ގަންނަން މަސައްކަތްކުރިއެވެ. ފްރީޑްކިން އެވަޓަން ގަންނަން ކުރި މަޝްވަރާތައް ދޭތެރެއަކުން ހުއްޓުނު ނަމަވެސް، އެއްބަސްވުމަކާ ހަމައަށް އައިސްފައި ވަނީ އެމެރިކާގެ ބްރޯކާ ކުންފުންޏެއް ކަމަށްވާ 777 ކުންފުންޏާވެސް އެކުވެ މަޝްވަރާ ކޮށްގެންނެވެ.
އެވަޓަން
އެވަޓަން
އެވަޓަން