ރާއްޖެ އާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ލަންކާގެ އިންތިހާބީ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.

އަނޫރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، ލަންކާގެ ރިޔާސީ އިންތިހާބުން އަނޫރާ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ދެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ އަވަށްޓެރި ސްރީލަންކާ އާއި ރާއްޖޭގެ ތާރީހީ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އަނޫރާއަށް ކުރިމަގުގައި ވެސް ކާމިޔާބީއަށް އެދޭ ކަމަށް ވިދާޅުވިއެވެ.

އަނޫރާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި މި ސަރަހައްދުގެ ގުޅުން ވަރުގަދަކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް އަނޫރާ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް 38 ކެންޑިޑޭޓުން ވާދަކުރިއެވެ. މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވެސް ވާދަކުރެއްވިއެވެ.

އަނޫރާ އާއި ރަނިލްގެ އިތުރުން ދެން ވާދަކުރެއްވި މުހިންމު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނުނީ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، އެސްއެލްޕީޕީގެ ނަމާލް ރާޖަޕަކްސަ، ކުރީގެ ރައީސް ރަނަސިންހަ ޕްރެމަޑާސާގެ ދަރިކަލުން އަދި އިދިކޮޅު ޕާޓީ ސަމަގީ ޖަނަ ބަލަވެގާޔާގެ ލީޑަރު ސަޖިދު ޕްރެމަޑާސާ، އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ސަރަތު ފޮންސޭކާ، ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓުން ވާދަކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަޑާސާ ރާޖަޕަކްސެ އެވެ.

އިންތިހާބުގައި އަނޫރާ އެންމެ ގިނަ ވޯޓު ހޯއްދެވި އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ލީޑަރު ސަޖިތުއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ މިހާރުގެ ރައީސް ރަނިލް އެވެ.