ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލު ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ހުކުމް ކުރި މައްސަލައިގައި އިތުރު ހެކިން ހުށަހެޅުމަށް ފުރުސަތު ދިނުމަށްޓަކައި ސުޕްރީމް ކޯޓުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާލައިފިއެވެ.
ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލާފައިވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި ހަލީމު މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ޖެނުއަރީ 2013 ގައެވެ. އެ މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން އެ ހުކުމަށް ތާއީދު ކޮށްފައިވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.
މި މައްސަލަ ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ ގޯސްކޮށް ކަމަށް ބުނެއެވެ. އެކަން ސާބިތު ކުރުމަށްޓަކައި ސަމާހުގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
އެ ނުކުތާތަކުގެ ތެރެއިން ހައިކޯޓުން އެ މައްސަލައަށް ތާއީދު ކޮށްފައިވަނީ ގޯސްކޮށްކަން ފާހަގަވާ ކަންތައްތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ސަމާހުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، އެ މައްސަލަ ބެލުމުގެ ސްކޯޕް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދަށު ކޯޓުގެ ހުކުމަކީ ނިހާއި ހުކުމެއްކަން ކަނޑައެޅުމަށް އޮންނަ ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފަށް ކަމަށެވެ. އެ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި ވަނީ މައްސަލައިގައި ޕީޖީން ހުށަހެޅި ނުކުތާތަކަށް ގޮތް ކަނޑައެޅުމުގެ އުސޫލުން، މައްސަލަ ރިވިއުކުރުމަށް އޮންނަ އުސޫލާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ސަމާހު ކުށަށް އިއުތިރާފުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވައި، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، އެ ހުކުމުގައި ސަމާހު ކުށަށް އިއުތިރާފުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސަސީ ހައްގުތައް ސަމާހަށް ލިބިނުދެވޭ ގޮތަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ސަމާހުގެ އިއުތިރާފުގެ މައްޗަށް، އެ މައްސަލައިގައި ހުކުމްކޮށްފައިވާ ކަމަށް ހުކުމުގައި ބުނާއިރު، އޭނާ އިއުތިރާފުވާ ކަމަށް ބުނާ ބަހުން އެއްކޮށް ރުޖޫއަވެ، އޭނާ އެއްވެސް އިރެއްގައި ކުށަށް އިއުތިރާފުވެފައި ނުވާނެ ކަމަށް ބުނާ ބުނުމަށް ރިއާޔަތް ކުރުމެއް ނެތި، އެކަމުން ރުޖޫއަ ވެވޭނެ ހާލަތެއް ނެތް ކަމަށް ހުކުމުގައި ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގައި ބުނާ މިންގަނޑަށް ލާއިންސާނީ އަނިޔާއިން ރައްކާތެރިކުރުމުގެ ހައްގު ކަށަވަރު ކޮށްދޭންޖެހޭ މިންގަނޑަށް ކަށަވަރު ކޮށްދިނުމެއް ނެތި ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބަހުސްގެ ބޭނުމަށް ސަމާހުގެ ފަރާތުން ސައްހަ އިއުތިރާފެއް ވެފައިވާ ކަމަށް ބެލިޔަސް އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި އަސާސެއް ކަމަށް ބަލާފައިވާ، ބާލިގުވެފައިވާ ވާރިސުންގެ ހަމައެކަނި ބަހުގެ މައްޗަށް ގިސޯސް ހިފޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނުލްއުގޫބާތާއި ގާނޫނުއަސާސީގެ ރޫހާއި އިސްލާމީ ޝަރީއަތުގެ މަގާސިދުތަކާ ހިލާފު ނިމުމެއް ކަމަށްވާތީ، އެ ނިންމުމާ ދުރަށް ޖެހިވަައިގަތުމަށް ވަކީލު ވަނީ ސުޕްރީމް ކޯޓުގައި ދަންނަވައިފައެވެ.
އެއީ އެ މައްސަލައިގައި ސަމާހުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ، ބާލިގުވެފައިވާ އާދަމް ހަލީމުގެ ވާރިސުން ކަމަށްވާ އާދަމް ހަލީމުގެ ބައްޕައާއި މަންމައާއި އަނބިމީހާ ސަމާހު މެރުމަށް ބޭނުންވާތީއެވެ. ނަމަވެސް އާދަމް ހަލީމުގެ ތުއްތު ދަރިފުޅެއް ހުރުމުން، އެ މައްސަލައިގައި އެ ކުއްޖާގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް ދިފާއުން ވަކާލާތުކުރެއެވެ. ދިފާއުން ބުނަނީ އެ ކުއްޖާ ބާލިގުވާ އުމުރަށް އެޅުމުން ނަމަވެސް އެ މައްސަލައިގައި އޭނާގެ ހައްގު އޮންނަ ކަމަށެވެ.
މި މައްސަލައިގައި ތަކުރާރުކޮށް ދައުލަތުން ބުނަނީ އާދަމް ހަލީމް މަރުވެފައިވަނީ ސަމާހު ދިން ހަމަލާ އިން ކަމަށާއި އެކަމަށް ސަމާހު އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށް އޭނާ މިހާރު ބުނަމުން ގެންދިޔަ ނަމަވެސް އެއީ އޭނާ ކުރިކަމެއް ކަމަށް އޭނާގެ ވާހަކައިން ސާބިތުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާވެސް އެގޮތަށް އަމަލު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މި މައްސަލައިގައި ސަމާހު ކުށަށާއި ހަމަލާ ދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާ ދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައިވެސް އޭނާގެ މައްޗަށް ޕްރޮސިކިއުޝަނުން ކޮށްފައިވާ ގަސްދު މަރުގެ ކުށަށް އޭނާ އިންކާރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވީ، ދަށު ކޯޓުގައި ސަމާހު ކުށަށް އިއުތިރާފުވުމުން އޭނާއާ ދެކޮޅަށް އިތުރު ހެއްކެއް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ އިއުތިރާފު ސަމާހު ފަހުން އަނބުރާ ގެންގޮސްފައިވާއިރު، އެއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ ހާލަތުގައި އޭނާގެ އިއުތިރާފުގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުވާނެ ކަމަށް ނުނިންމޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންކަމުން މި މައްސަލައިގައި ފެންނަން އޮތީ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީއެންމެ އަވަހަކަށް ރެކޯޑް ކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމާއި ދައުވާ ލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކެއް ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ސުއޫދު ވިދާޅުވީ، މި މައްސަލައިގައި ސަމާހަށް އަނިޔާކުރިކަން އެނގޭ ހެކިން ތިބި ކަމަށާއި އެ ހެކިން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު ނުދޭ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ސަމާހުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އެފަދަ ހެކިން ތިބި ނަމަ އެ ހެކިން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު ސަމާހުއަށް ދިނުމަށް ކުރިމިނަލް ކޯޓަށް އަންގަން ފެންނަ ކަމަށް ވިދާޅުވިއެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ފަސް ފަނޑީޔާރުންގެ އިއްތިފާގުން ހުކުމްކުރީ މި މައްސަލައިގައި ސަމާހުގެ ބަޔާނުގެ އިތުރުން މިނިވަން މުސްތަގިއްލު ހެތްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުތު ދިނުމަށްފަހު، މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު