އިޓަލީ ލީގުގައި ރޭ ކުޅުނު ވާދަވެރި މިލާން ޑާބީގައި އޭސީ މިލާނުން އިންޓަ މިލާންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ސަން ސީރޯގައި ކުޅުނު މިލާން ޑާބީގައި އޭސީ މިލާނުން އިންޓަގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. މެޗުގައި މިލާނުން މޮޅުވި ގޯލު ޖެހީ ފަހު ވަގުތުގައެވެ. އެ މޮޅަކީ މިދިޔަ ހަ މެޗަށްފަހު މިލާން ޑާބީގައި އޭސީ މިލާނުން ހޯދި ފުރަތަމަ މޮޅެވެ. އެހެންކަމުން ރޭގެ މެޗު ނިމުމާއެކު އެ ޓީމުން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އޭސީ މިލާނުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުން އޭސީ މިލާން ލީޑު ނެގި ނަމަވެސް، އިންޓަ އިން ވަނީ މާގިނައިރެއް ނުވެ ރައްދު ދީފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި އިންޓަގެ ގޯލު ޖަހައި ދިނީ ފެޑެރީކޯ ޑިމާކޯއެވެ. ޑިމާކޯ ވެފައިވަނީ 1994 ވަނަ އަހަރަށްފަހު މިލާން ޑާބީއެއްގައި ގޯލު ޖެހި، މިލާނަށް އުފަން ފުރަތަމަ ކުޅުންތެރިޔާއަށެވެ. 1994 ވަނަ އަހަރު އެކަން ކޮށްފައިވަނީ މިލާނަށް އުފަން ޕައުލޯ މަލްޑިނީއެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ، މާ ގިނައިރެއް ނުވަނީސް މިލާނަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެއީ އޭރިއާ ތެރެއިން އިންޓަގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އަތުގައި ޖެހުނު ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ދިނުމަށްފަހު ވީއޭއާރް ބަލައި ރެފްރީ ފަހުން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފައެވެ. އެ ބޯޅަ ޖެހުނީ މާޓިނޭޒް ކޮނޑުގައި ކަމަށްވާތީއެވެ.

މެޗުން މޮޅުވާން ދެ ޓީމުންވެސް ކުރި މަސައްކަތުގެ ތެރެއިން ގިނަ ފުރުސަތުތައް ލިބުނީ އޭސީ މިލާނަށެވެ. ތިޖާނީ ރެއިންޑާސްގެ ބޯޅައަކުން ޓެމީ އަބްރަހަމަށް ލިބުނު ފުރުސަތު އޭނާ އަތުން ގެއްލިގެން ދިޔައިރު، 89 ވަނަ މިނެޓުގައި އޭސީ މިލާން މޮޅުކޮށްދިން ގޯލު ޖެހީ މަޓެއޯ ގަބިއާއެވެ.