ޖޯޖިއާގެ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތް ކަމަށްވާ ބަޓޫމީ ކަޕުގައި ވާދަކޮށް ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް ދެ މެޑަލް ހޯދައިފިއެވެ.

ޖޯޖިއާގައި ކުރިއަށްދިޔަ މުބާރާތް މިމަހުގެ 20 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގޮސްފައިވާ އިރު، ލައިބާ ވާދަކޮށްފައިވަނީ 13 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އިވެންޓުތަކުގައެވެ. ލައިބާގެ އަންހެން ޑަބަލްސް ޕާޓްނަރަކީ އަރްމީނިއާގެ އަނީޓާ އަރްޒުމަންޔަންއެވެ. އަދި މިކްސް ޑަބަލްސް ޕާޓްނަރަކީ އަރްމީނިއާގެ އެރިކް އެލޮޔާނެވެ.

މިފަހަރު ޖޯޖިއާ ޔޫތު މުބާރާތުގައި ރާއްޖޭގެ ލައިބާގެ އިތުރުން އަރްމީނިއާ، އަޒަރުބައިޖާން، ތުރުކީއާއި ކަޒަކިސްތާން އަދި ޖޯޖިއާ ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

ލައިބާ ސިންގަލްސް ލޯ މެޑަލް ހޯދީ ސެމީގައި ވާދަކޮށްގެންނެވެ. ސެމީއަށް ގޮސްފައިވަނީ ކަޒަކިސްތާނުގެ މުޓިގުލީނާ ބަލިކޮށްފައެވެ. އެއީ 21-15 އަދި 21-15 އިން ސެޓުތައް ގެންގޮސްގެންނެވެ. ލައިބާ ސެމީގައި ވާދަކުރަން ޖެހުނީ އަރްމީނިއާގެ އެއް ނަންބަރު ކުޅުންތެރިޔާ އަނީތާއާ ދެކޮޅަށެވެ. އެ މެޗުގައި ރަނގަޅު ވާދައެއްކޮށް ބަލިވީ، 23-25 އަދި 13-21 އިންނެވެ.

މިކްސް ޑަބަލްސް ސެމީއާ ހަމައަށް ލައިބާ ދިޔައީ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ލައިބާ ވަނީ ކަޒަކިސްތާނުގެ ޕެއާ ބަލިކޮށް، ދެވަނަ މެޗުގައި އަޒަރްބައިޖާންގެ ޕެއާވެސް ބަލިކޮށްފައެވެ. ގްރޫޕް ސްޓޭޖުގައި ލައިބާގެ ޕެއާއިން ބަލިވީ އަރްމީނިއާގެ ޕެއާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ޑަބަލްސްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ދެ މެޗު ލައިބާގެ ޕެއާއިން ކާމިޔާބު ކޮށްފައިވާ އިރު، ފުރަތަމަ މެޗުގައި ލައިބާގެ ޕެއާއިން ވަނީ ތުރުކީގެ ތުރާންއާއި އެރްކިރަން 2-1 ސެޓުން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ސީދާ ދެ ސެޓުން އަޒަރްބައިޖާންގެ އިބްރާހިމްލީއާއި އަބްދުލަޔެވާގެ ޕެއާވެސް ލައިބާގެ ޕެއާއިން ބަލިކުރި އިރު، 2-1 ސެޓުން ބަލިވީ ކަޒަކިސްތާންގެ ލެއޮނޯވާ އަދި ސްލަޔަމްޒާންގެ ޕެއާ އަތުންނެވެ.

ލައިބާ ޑަބަލްސް ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ފައިނަލުގައި ވާދަކުރީވެސް ކަޒަކިސްތާންގެ ލެއޮނޯވާ އަދި ސްލަޔަމްޒާންގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލުގައިވެސް ލައިބާގެ ޕެއާ ވަނީ ބަލިވެފައެވެ.