މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) ގާއިމުކުރުމުގެ މަޝްރޫއު އަލުން މުރާޖައާކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ މަޝްރޫއަކީ މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއު ކުރިއަށްގެންދަނީ ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިދިޔަ އަހަރު އިފްތިތާހުކުރެވުނު އެ ލޯނު މަޝްރޫއު އަލުން ހުޅުވާލީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް ލޯނުގެ ބޭނުންކުރެވޭނެ ގިނަ ކަންކަން ހިމަނައިގެން ކަމަށެވެ. އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެ ކަމަށް ބުންޏެވެ. އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫއުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓްކުރުމެވެ.

  • ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރއެސްޑަބްލިއު ސިސްޓަމް)  
  • ޖެނެރޭޓާ ސެޓް  
  • ސޯލާ ޕީވީ ސިސްޓަމްް

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 700،000 އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖެހިގެންދާނެއެވެ. އެ ލޯނު އަނބުރާ ދެއްކުމަށް ދިހަ އަހަރު ލިބޭ އިރު، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

އެ ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ އިރު، ލޯނަށް އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އަދި ލޯނަށް އެދުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އަމިއްލައަށް ނުވަތަ އެސްޑީއެފްސީގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އެ ފެސިލިޓީއަށް އެދެވޭނެ ކަމަށާއި އެ ފެސިލީޓީއަށް އެދެވޭނީ، މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށް ދުއްވާ 50 ފޫޓު ހަމަވާ ދޯނިތަކަށް ކަމަށެވެ.

އެ ލޯނަށް އެދި ހުށަހަޅާނީ، އެސްޑީއެފްސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ.

އެ މަޝްރޫއު އަލުން އިފްތިތާހުކުރިމަށް މެންހަޓަން ބިޒަނަސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، އަމާޒަކީ 100 ދޯންޏަށް އެ ލޯނު ދޫކުރުން ކަމަށާއި މިހާރުވެސް އާރުއެސްޑަބްލިޔު ސިސްޓަމް ހަރުކޮށްފައި ހުރި ދޯނިތަކަށްވެސް ލޯނަށް އެދެވޭނެ ކަމަށެވެ.

އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ، އައިސްއަށް ކުރާ ހަރަދު ކުޑަކޮށް މަހުގެ ތާޒާކަން އިތުރުކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.