އަމިއްލަ ކުންފުންޏެއް ކަމަށްވާ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަަށް 255،832 ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ އިނޮވިކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ އަގު އަދާކޮށްފައިނުވާތީ އިނޮވިކްސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެގޮތުން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކުގެ އަގަށްވާ 5.1 މިލިޔަން ރުފިޔާ އާއި އެ ފައިސާ ނުދީ ލަސްކުރުމުގެ ސަބަބުން އިނޮވިކްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 151،190 ރުފިޔާ އާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 518،368 ރުފިޔާއާއެކު ޖުމުލަ 5.8 މިލިޔަން ރުފިޔާ ފެނަކައިގެ ފަރާތުން ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމްގައި ވަނީ، މި ދައުވާގައި އިނޮވިކްސް އިން ހޯދުމަށް އެދިފައިވާ ފައިސާ ފިކްސްޑް ޑިޕޮސިޓް އެކައުންޓްގައި ބެހެއްޓުނުނަމަ އިނޮވިކްސްއަށް ލިބޭނެކަމަށް އަންދާޒާކޮށް ހޯދުމަށް އެދިފައިވާ 151،190 ރުފިޔާ އަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށް ކަނޑައަޅާ ކަމަށެވެ.

އަދި މި ދައުވާގައި، އިނޮވިކްސްގެ ސްޓޭޓްމަންޓްގައި ބަޔާން ކޮށްފައިވާ 27،560 ރުފިޔާ އާއި އެ ފަރާތުން ފޮނުވާފައިވާ ދެ އިންވޮއިސްގެ ދަށުން ހޯދުމަށް އެދިފައިވާ 15،552 ރުފިޔާ އާއި 12،720 ރުފިޔާއަކީ ދައްކަންޖެހޭ ފައިސާއެއްކަމަށް ފެނަކައިން އިގުރާރު ވެފައިވާތީ އެބައިގެ ޖުމުލަ 55،832 ރުފިޔާ އާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި އިނޮވިކްސް އިން ހިމަނާފައިވާ 200،000 ދެ ލައްކަ ރުފިޔާއަކީ ފެނަކައިން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި އެކު ޖުމުލަ 255،832 ރުފިޔާ އިނޮވިކްސްއަށް ލިބިދިނުމުގެ ގޮތުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.