އެންމެންވެސް ބޭނުންވަނީ މެންޗެސްޓާ ސިޓީއަށް ފިޔަވަޅު އަޅައި، އެ ކްލަބު ވުޖޫދުން ފޮހެލަން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ހަތް ސީޒަނުގެ ތެރެއިން ހަ ސީޒަނުގައި ޕްރިމިއާ ލީގުގެ ތަށި ހޯދި ސިޓީން ވަނީ މިހާރު ޓްރެބަލްވެސް ފުރިހަމަކޮށްފައެވެ. އެ ޓީމުން 2022-23 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ އިތުރުން ލީގުވެސް ކާމިޔާބުކޮށް، ތާރީހީ ތަށްޓެއް ހޯދި އިރު، އެ ޓީމުގެ ހިންގުމަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ.

އަބޫ ދާބީ ޔުނައިޓެޑް ގްރޫޕްގެ ބޮޑު ހިއްސާއެއް އޮންނަ ސިޓީ ގްރޫޕުން 2008 ވަނަ އަހަރުން ފެށިގެން ސިޓީ ހިންގަމުންދާ އިރު، އެ ކްލަބުން ވަނީ ބޮޑެތި ހަރަދުތަކެއް ޓްރާންސްފާތަކަށް ކޮށްފައެވެ. އެ ޓްރާންސްފާތައް މިހާރުގެ އުސޫލުތަކަށް ފައްތަން ތަފާތު މަސައްކަތްތައްކޮށް، އެކި ގޮތް ގޮތުން ފައިނޭންޝަލް ފެއާޕްލޭ އުސޫލުން ސިޓީ ސަލާމަތްވެސްވެފައިވާ އިރު، އެ ޓީމުގެ 115 މައްސަލައެއް މިހާރުވެސް ވަނީ ލީގުން ބަލަން ފަށައިފައެވެ.

އެ މައްސަލަތަކުގައި ފިޔަވަޅު އެޅުން ފަސްކުރަމުންދާތީ އެހެން ކްލަބުތަކުން މިހާރުވެސް އެކުމުގެ ޝަކުވާ ކުރަމުންދެއެވެ. އެ ޝަކުވާތަކަށް ޖަވާބުދެމުން ގާޑިއޯލާ ބުނީ އެންމެން ބޭނުންވަނީ ސިޓީއަށް ބޮޑެތި އަދަބު ދީ، "ކްލަބު ވުޖޫދުން ފޮހެލަން" ކަމަށެވެ. އަދި ސިޓީ ކުޅުންތެރިންގެ ފަރާތުން އެންމެ މެޗެއްގައި ދަށް ކުޅުމެއް ފެންނައިރަށް އެކަމަށް ފާޑުކިޔުންވެސް އިންތިހާއަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ސީޒަނެއްގައި އެއްކޮށް ދަށްކޮށް ކުޅޭ ނަމަ އެއީ ދަށް ސީޒަނެކޭ ބުނެވިދާނެ. އެހެންވިޔަސް އެންމެ މެޗަކުން ސިޓީގެ ކަންކަމަށް އެހާ ބޮޑަށް ފާޑުކިޔޭކަށް ނޯންނޭނެ. އެންމެ މެޗަކުންވެސް އެބަ ބުނޭ ސިޓީއަކީ ލަދެކޭ. ސިޓީގެ ނަތީޖާތައް ގަބޫލެއް ނުކުރެވޭނޭ،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީގެ ދިފާއުގައި އޭނާ އަބަދުވެސް ވާހަކަދައްކާނެ ކަމަށާއި މިހާރު ކްލަބުތަކުންވެސް ބޭނުންވަނީ ސިޓީ ފިޔަވަޅުތަކުގައި ރެލިގޭޓްވެ، އެންމެ މަތީ ފެންވަރުގެ ފުޓުބޯޅައިން ފޮހެވިގެން ދާން ކަމަށެވެ.