އިޓަލީ ލީގުގައި ރޭ ކުޅުނު މެޗުގައި ޔުވެންޓަސްއާއި ނަޕޯލީ އެއްވަރުވެއްޖެއެވެ.
ރޭ ޔުވެންޓަސް އިން ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ގޯލެއް ނުޖެހި، 0-0 އިން އެއްވަރުވެފައިވާ އިރު، އޭގެ ކުރިން ލީގުގައި ކުޅުނު ދެ މެޗުވެސް އޮތީ ގޯލެއް ނުޖެހި އެއްވަރުވެފައެވެ. އެއީ ރޯމާ އަދި އެމްޕޯލީއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. ޔުވެންޓަސް އެ ދޭތެރެއިން މޮޅުވީ މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ މެޗުންނެވެ. އެ މެޗުގައި ޔުވެންޓަސް ވަނީ 3-1 އިން ޕީއެސްވީ ބަލިކޮށްފައެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ކްލީންޝީޓް ދަމަހައްޓަމުން އަންނަ ޔުވެންޓަސްއަށް ރޭގެ މެޗުން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައަށް އެރެން އޮތެވެ. އަނެއްކޮޅުން ނަޕޯލީއަށްވެސް އެ ފުރުސަތު އޮވެ، ދެ ޓީމަށްވެސް ވަނީ އެ ފުރުސަތު ގެއްލިފައެވެ.
ރޭގެ މެޗުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ޔުވެންޓަސް އިން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ގޯލާ އަމާޒުކޮށް ހަމަލާތައް އުފައްދަން އުނދަގޫވުމެވެ. ޑޮމިނޭޓްކޮށް ކުޅެމުންދިޔަ ނަމަވެސް އޮން ޓާގެޓް ހަމަލާއެއް ޔުވެންޓަސްގެ ފަރާތުން ފެނިފައި ނުވާއިރު، ނަޕޯލީގެ ފަރާތުން ފެނުނު ހަމަލާއަކީ ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ހަމަލާއެކެވެ. އެ ބޯޅަ ދިޔައީ ސީދާ ކީޕަރު އަތަށެވެ.
އިޓަލީ ލީގު ތާވަލުގެ ހަތަރު ވަނައިގައި ޔުވެންޓަސް މި ވަގުތު އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ނަޕޯލީ ތިންވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ