ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ނޭޕާލް ޕޮލިހުން ކުޅުނު ފަހު މެޗުގައި ރާއްޖޭގެ ޕޮލިސް ކްލަބު ވެސް ބަލިކޮށްފައެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ޕޮލިސްގެ މައްޗަށް ނޭޕާލް ޕޮލިހުން ކުރި ހޯދާފައިވަނީ 3-1 ސެޓުންނެވެ. އެ މެޗަށް ނުކުތް އިރުވެސް ނޭޕާލް ޕޮލިހަށް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ. އަދި ރާއްޖޭގެ ޕޮލިހަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ.

އެ މެޗުގައި ވެސް ޕޮލިހުން ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ޕޮލިސް ކްލަބުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން، ދާދިފަހުން ނިމިގެންދިޔަ ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ރާއްޖޭގެ ޓީމުން ވިދާލި ޝަހާ ޝާމިން އަދި އައިމިނަތު އަރީޝާ ވެސް ފެނިގެންދިޔައެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކިރިގިސްތާންގެ ރޯޒާ އަދި ސައިކްލް ވެސް ޕޮލިސް ޓީމުން ފެނިގެންދިޔައެވެ. ނަމަވެސް އަނިޔާގައި ހުރުމުން މިއަދުގެ މެޗުގައި ވެސް ޝަހާ ކުޅެން ނުކުމެފައެއް ނުވެއެވެ.

ނޭޕާލް ޕޮލިހުން މެޗު ފެށީ ވަރުގަދަ އެޓޭކުތަކަކާއެކު ބޮޑު ލީޑެއް ހޯދައިގެންނެވެ. ރާއްޖޭގެ ޕޮލިހުގެ ރިސީވް އަދި ޑިފެންސް ވެސް ވަރަށް ދަށްކޮށް ފެނިގެންދިޔަ އިރު، ސާވިސްތަކެއް ވެސް ބޭކާރުވެގެންދިޔައެވެ. މެޗުގެ ފުރަތަމަ ސެޓު 12-25 އިން ގެންދިޔައީ ނޭޕާލް ޕޮލިހުންނެވެ.

ދެވަނަ ސެޓުގެ ކުރީކޮޅުގައި ނޭޕާލް ޕޮލިހަށް ބޮޑު ލީޑެއް ލިބިފައިނުވާ އިރު، ރާއްޖޭގެ ޕޮލިހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ނޭޕާލް ޕޮލިހުގެ ބާރު ހަމަލާތަކާއި އެޓީމުގެ ބްލޮކުތަކާއެކު ރާއްޖޭގެ ޕޮލިހަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ސެޓުގެ ފަހުކޮޅު ރޯޒާގެ ބޭނުން ހިފައި ރާއްޖޭގެ ޕޮލިހުން ވަނީ ރަނގަޅު ކުޅުމަކާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓު 21-25 އިން ގެންދިޔައީ ނޭޕާލް ޕޮލިހުންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ޕޮލިހުން ކުޅުން ވަރުގަދަކޮށް، ޑިފެންސާއި ބްލޮކް ވެސް ރަނގަޅުކުރިއެވެ. ނަޖީތާއެއްގެ ގޮތުން އެ ސެޓުގައި ރާއްޖޭގެ ޕޮލިހުން ހަތް ޕޮއިންޓުގެ ލީޑެއް ވެސް ހޯދިއެވެ. ސެޓުގެ ފަހުކޮޅު ވަރުގަދަ އެޓޭކުތަކާއެކު ނޭޕާލުން ލީޑު ހަނިކުރަމުން ގޮސް އެއްވަރުކުރި ނަމަވެސް، މެޗު ޕޮއިންޓު ގެންގޮސްގެން ރާއްޖޭގެ ޕޮލިހުން ވަނީ 25-23 އިން ސެޓު ގެންގޮސްފައެވެ.

ހަތަރުވަނަ ސެޓުގެ ކުރީކޮޅުގައި ނޭޕާލް ޕޮލިހުން ލީޑާއެކު ފެށި ނަމަވެސް، މަސައްކަތްތަކަކާއެކު ރާއްޖޭގެ ޕޮލިހުން ލީޑު ނެގިއެވެ. ސެޓުގައި ރާއްޖޭގެ ޕޮލިހުގެ ބްލޮކުތަކާއެކު ރޯޒާގެ ބާރު ހަމަލާތައް ފާހަގަކޮށްލެވުނެވެ. ނަމަވެސް ފަހުކޮޅު ނޭޕާލް ޕޮލިހުން ކުޅުން ވަރުގަދަކޮށް ސެޓު ގެންދިޔައީ 21-25 އިންނެވެ.

އެ ނަތީޖާއާއެކު ނޭޕާލް ޕޮލިހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ލީގު ބުރު ނިންމާލީ އެއްވަނަ ހޯދައިގެންނެވެ. އެންމެ މެޗަކުން މޮޅުވި ރާއްޖޭގެ ޕޮލިސް ނިންމާލީ ފަސްވަނައިގައެވެ. ރާއްޖޭގެ ޕޮލިސް ކްލަބުގެ ފަހަތުން ލީގުގެ ފުލުގައި އޮތް ތަޖިކިސްތާންގެ ވީސީ ޑައިމްޑްއަށް އެއްވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ.

މާދަމާ ރޭ ކުޅޭ ފައިނަލުގައި ނޭޕާލް ޕޮލިހުން ނުކުންނަން ޖެހޭނީ ލީގުގެ ދެވަނައިގައި ނިންމާލި އުޒްބެކިސްތާންގެ ހޫމޯ ވީސީއާ ދެކޮޅަށެވެ. ލީގު ބުރުގައި ހޫމޯ ބަލިވެފައިވަނީ ހަމައެކަނި ނޭޕާލް ޕޮލިހާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ލީގު ތާވަލުގެ ތިންވަނަ އާއި ހަތަރުވަނައިގައި އޮތީ ރާއްޖޭގެ ކްލަބު ވެމްކޯ އަދި ސްރީލަންކާގެ އެއާފޯސް ޓީމެވެ. އެ ދެ ޓީމުން މާދަމާ ހަވީރު ތިންވަނަ ހޮވުމަށް ކުޅޭ މެޗުގައި ވާދަކުރާނެއެވެ.

މުބާރާތުގެ ލީގު ބުރުގެ ފަހު މެޗު މިރޭ ކުރިއަށްދާނެއެވެ. މިރޭ 8:15 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ތަޖިކިސްތާންގެ ވީސީ ޑައިމްޑް އާއި ރާއްޖޭގެ ކްލަބު ވެމްކޯއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.