އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

ރައީސް އެމެރިކާއަށް ފުރާވަޑައިގެންފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

އެ މަނިކުފާނާއެކު މި ދަތުރުފުޅުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރުކުރައްވާނީ އަންނަ އަންގާރަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗާގައި ބައިވެރިވެވަޑައިގަންނަވައި މުހިއްމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

އެމެރިކާއަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ވާހަކަތައް ކިޔައިދެއްވައި، ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތައް ބޮޑެތި ގައުމުތަކުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.

"ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ގައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ހާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން،" ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ގައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ހާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެހީ ހޯދުމަށް މި ދަތުރުފުޅުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާ އިރު، މައިގަނޑު ބައިތައް އޮންނާނީ މި މަހުގެ 24 އިން ފެށިގެންނެވެ.

މިއީ ރާއްޖޭގެ ރައީސްއަކު އަދ. ގެ ސެކިއުރެޓީ ކައުންސިލްގައި ތަގުރީރު ދެއްވާނެ ފުރަތަމަ ފަހަރެވެ.