ރާއްޖެއަށް އެންމެ މަންފާ ބޮޑުވާނެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ވާހަކަތައް ކިޔައިދެއްވައި، ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތައް ބޮޑެތި ގައުމުތަކުގެ ސަމާލު ކަމަށް ގެނައުން ކަމަށެވެ.

"ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ގައުމުތަކާއެކު ގުޅުން ބަދަހިކޮށްގެން. ރާއްޖޭގެ ހާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދޭނަން. އަދި ރާއްޖޭގެ ކަންކަމުގެ އިތުރުންވެސް، ދުނިޔޭގައި ހިނގާ ރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުންވެސް ރާއްޖޭގެ ބަސް އިއްވާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެހީ ހޯދުމަށް މި ދަތުރުފުޅުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާ އިރު، މައިގަނޑު ބައިތައް އޮންނާނީ މި މަހުގެ 24 އިން ފެށިގެންނެވެ.

މިއީ ރާއްޖޭގެ ރައީސްއަކު އަދ. ގެ ސެކިއުރެޓީ ކައުންސިލްގައި ތަގުރީރު ދެއްވާނެ ފުރަތަމަ ފަހަރެވެ.