ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ އުޒްބެކިސްތާންގެ ހޫމޯ ވީސީން ހޯދައިފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޫމޯ އިން ކަށަވަރުކުރީ މިއަދު މެންދުރުފަހު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ސްރީލަންކާގެ އެއާފޯސް ޓީމު ބަލިކޮށްގެންނެވެ. ލީގު ބުރުގައި ހޫމޯ އިން ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމިފައިވާ އިރު، ފަސް މެޗުގެ ތެރެއިން އެޓީމު ބަލިވެފައިވަނީ ހަމައެކަނި ނޭޕާލް ޕޮލިސް ކްލަބު އަތުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ކުޅުން ވަރުގަދަކުރަމުން ގޮސް ހޫމޯ އިން ދިޔައީ ލީޑު ފުޅާކުރަމުންނެވެ. މެޗުގެ ފުރަތަމަ ސެޓު ނިމިގެންދިޔައީ 25-13 އިން ހޫމޯ ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ސެޓެކޭ އެއްގޮތަށް ދެވަނަ އަދި ތިންވަނަ ސެޓުގައި ވެސް ހޫމޯގެ ކުޅުން ވަރުގަދައެވެ. ބްލޮކްތަކާއި ބާރު ހަމަލާތަކާއި ބާރު ސާވިސްތައް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. މެޗުގެ ދެވަނަ ސެޓު 25-19 އިން ހޫމޯ ގެންދިޔަ އިރު، އެޓީމުން ތިންވަނަ ސެޓު ގެންދިޔައީ 25-16 އިންނެވެ.
އެ މެޗުން ހޫމޯ ބަލިވި ނަމަ، ރާއްޖޭގެ ކްލަބު ވެމްކޯއަށް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ވެމްކޯ އިން މިރޭ ތަޖިކިސްތާންގެ ވީސީ ޑައިމްޑްއާ ދެކޮޅަށް ނުކުންނަ އިރު، މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ވެމްކޯ އިން ވަނީ ދެ މެޗަކުން މޮޅުވެފައެވެ. ވެމްކޯ ބަލިވީ ހޫމޯ އާއި ނޭޕާލް ޕޮލިސް ކްލަބު އަތުންނެވެ.
ވެމްކޯއަށް ފައިނަލުގެ ޖާގައެއް ކަށަވަރުނުވި ނަމަވެސް، ތިންވަނަ ހޮވާ މެޗުން މޮޅުވެގެން ލޯ މެޑަލް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މާދަމާ ހަވީރު ކުޅޭ އެ މެޗުގައި ވެމްކޯ ނުކުންނަން ޖެހޭނީ ސްރީލަންކާ އެއާފޯސް ޓީމާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ކުޅޭ ފައިނަލުގައި ހޫމޯ އިން ނުކުންނަން ޖެހޭނީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ނޭޕާލް ޕޮލިސް ކްލަބާ ދެކޮޅަށެވެ.
އެ މުބާރާތުގައި މިއަދު ހަވީރު ރާއްޖޭގެ ޕޮލިސް ކްލަބާއި ނޭޕާލް ޕޮލިސް ކްލަބު ބައްދަލުކުރާ އިރު، ރާއްޖޭގެ ޕޮލިހަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އަނެއް ތިން މެޗުން ރާއްޖޭގެ ޕޮލިހުން ބަލިވެފައިވުމުން މުބާރާތުގައި ކުރިއަށްދިއުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް