ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާ އިން އިނގިރޭސި ވަރުގަދަ ކްލަބު އާސެނަލް ހިފަހައްޓައިފިއެވެ.

ރަށުން ބޭރުގައި އެޓަލާންޓާ އަތުން އާސެނަލް އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ޖުމުލަކޮށް އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ވެސް އެޓަލާންޓާ އިންނެވެ.

ރަނގަޅު ކުޅުމަކާއެކު ފެށި އާސެނަލުން ވަނީ މެޗުގެ ކުރީކޮޅުގައި ގޯލު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އާސެނަލްގެ އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާއަށް ލިބުނު ފުރުސަތަކާއި ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ސަކާގެ ހަމަލާ އެޓަލާންޓާގެ ޑިފެންސުން ބްލޮކު ކުރި އިރު، ހަވާޓްޒްގެ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ވެސް އާސެނަލަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ތޯމަސް ޕާޓޭ ފޮނުވާލި އެ ހަމަލާ، އެޓަލާންޓާގެ ކީޕަރު މާކޯ ކާނޭސެޗީ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން އާސެނަލްގެ ގެބްރިއެލް މާޓިނެލީއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ އެޓަލާންޓާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި އެޓަލާންޓާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ޗާލްސް ޑި ކެޓެލޭރޭއަށް ލިބުނު ފުރުސަތެވެ. އޭނާ ފޮނުވާލި އެ ހަމަލާ، އާސެނަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އެޓަލާންޓާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެޓަލާންޓާއަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން އެޑަސަންއަށް އާސެނަލްގެ ޕާޓޭ ކުރި ފައުލަކާ ގުޅިގެންނެވެ. އެޓަލާންޓާގެ އިޓަލީ ފޯވަޑް މަޓެއޯ ރެޓެގީ ފޮނުވާލި އެ ޕެނަލްޓީ، އާސެނަލްގެ ސްޕެއިން ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ރެޓެގީ ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ރާޔާ މަތަކުރިއެވެ.

އޭގެ ފަހުން ވެސް އެޓަލާންޓާ އިން ދިޔައީ އާސެނަލްގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތިކުރުވަމުންނެވެ. އެގޮތުން އެޑަސަން އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހުއާން ކުއަޑްރާޑޯއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެޑަސަންގެ ހަމަލާ ބްލޮކުވި އިރު، ކުއަޑްރާޑޯގެ ހަމަލާ އާސެނަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި އާސެނަލަށް ގޯލު ޖެހުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ރަހީމް ސްޓާލިން ދިން ބޯޅައަކުން ހުސްކޮށް ހުރެ، ގެބްރިއެލް މާޓިނެލީ ފޮނުވާލި އެ ހަމަލާ، އެޓަލާންޓާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފަހުކޮޅު ވެސް އާސެނަލަށް އެންމެ އެދެވޭ އެޓޭކުތަކެއް އުފެއްދިފައި ނުވާ އިރު، އެޓަލާންޓާ އިން ވަނީ ހުރަސްތަކަކާއެކު އާސެނަލްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އާސެނަލްގެ ޑިފެންސްގައި ހިމެނޭ ގެބްރިއަލް އާއި ބެން ވައިޓް ވަނީ އެ ބޯޅަތައް ދިފާއުކޮށްފައެވެ.