އަންނަ ހޮނިހިރު ދުވަހު ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ހައި ކޮމިޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އިތުރުކުރެވިފައިވާތީ ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
"މިގޮތުން، ބޭރަށް ވަޑައިގަންނަވާއިރު އައިޑެންޓިފިކޭޝަން ގެންގުޅުއްވުމަށާއި، ވޯޓުލާ މަރުކަޒުތަައް ކައިރިއަށް ވަޑައިނުގަތުމަށާއި، ދަންގަޑިތަކުގައި ބޭރުގައި ނޫޅުއްވުމަށާއި، ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންތެރިވެވަޑައިގަތުމަށް ނަސޭހަތްތެރިވަމެވެ..،" ހައި ކޮމިޝަނުން ބުންޏެވެ.
އަދި ބުނީ ކުރިއަށްއޮތް ބަންދު ދުވަސްތަކަށް ވިސްނައި ވިސާއާ ގުޅުންހުރި ކަންކަން ހަމަޖެއްސުމަށް އިލްތިމާސްކުރާ ކަމަށެވެ.
ލަންކާގެ ރިޔާސީ އިންތިހާބުގައި ރައީސްކަމަށް 38 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއެއާއެކު މިއީ މިހާތަނަށް ލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި ވެސް މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވާދަކުރައްވައެވެ. ރަނިލް ވާދަކުރައްވަނީ އަމިއްލަގޮތުންނެވެ.
ދެން ހިމެނޭ މުހިންމު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން، އެސްއެލްޕީޕީގެ ނަމާލް ރާޖަޕަކްސަ، ކުރީގެ ރައީސް ރަނަސިންހަ ޕްރެމަޑާސާގެ ދަރިކަލުން އަދި އިދިކޮޅު ޕާޓީ ސަމަގީ ޖަނަ ބަލަވެގާޔާގެ ލީޑަރު ސަޖިދު ޕްރެމަޑާސާ، ނޭޝަނަލް ޕީޕަލްސް ޕަވާ ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔާކެ، އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ސްޓާފް ސަރަތު ފޮންސޭކާގެ އިތުރުން ނޭޝަނަލް ޑިމޮކްރެޓިކް ފްރަންޓުން ވާދަކުރައްވާ ކުރީގެ ޖަސްޓިސް މިނިސްޓަރު ވިޖެޔަޑާސާ ރާޖަޕަކްސެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު