ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
މިއީ މިއަހަރުގެ ޓްރެޒަރީ ބިލުގެ ދެވަނަ ބައި ކަމަށްވާ އިރު، ފުރަތަމަ ބައި މިދިޔަ މެއި މަހުގެ 13 ގައި ރޯލްއޯވާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ކުރިން އޮތް ގޮތުން، އެ 50 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވަނީ މިމަހުއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިދިޔަ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، އެކަމަށް އެދިވަޑައިގެންފައި ކަމަށެވެ.
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށާއި އެ އެހީތެރިކަން ލިބިގެން ދިޔައީ އިގުތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އެހީއަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ މެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއް ކަމަށާއި ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި ގުޅުން އިތުރަށް ބަދަހިވެގެންދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު