ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަތުން ބަލިވެ، ރާއްޖޭގެ ޕޮލިސް ކްލަބުން ފައިނަލަށް ކުރަމުންދިޔަ އުންމީދުތަކަށް ނިމުމެއް އައިސްފިއެވެ.
ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހޫމޯ އަތުން ޕޮލިސް ކްލަބު ބަލިވީ ސީދާ ތިން ސެޓުންނެވެ. އެ މެޗަށް ނުކުތް އިރު، ޕޮލިހުން ކުޅުން ތިން މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އަދި ހޫމޯ އިން ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ.
އެ މެޗުގައި ވެސް ޕޮލިހުން ރާއްޖޭގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. މުބާރާތުގައި ޕޮލިސް ކްލަބުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ގެ އިތުރުން، ދާދިފަހުން ނިމިގެންދިޔަ ކާވާ ވިމެންސް ޗެލެންޖް ކަޕުގައި ރާއްޖޭގެ ޓީމުން ވިދާލި ޝަހާ ޝާމިން އަދި އައިމިނަތު އަރީޝާ ވެސް ފެނިގެންދެއެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކިރިގިސްތާންގެ ރޯޒާ އަދި ސައިކްލް ވެސް ޕޮލިސް ޓީމުން ފެނިގެންދެއެވެ. ނަމަވެސް މިއަދުގެ މެޗުގައި ޝަހާ ކުޅެން ނުކުމެފައެއް ނުވެއެވެ.
އެ މެޗުގެ ފުރަތަމަ ސެޓުގައި ހޫމޯ އިން ދިޔައީ ވަރުގަދަ އެޓޭކުތަކަކާއެކު ޕޮއިންޓުގެ ގޮތުން ފަރަގު ބޮޑުކުރަމުންނެވެ. ޕޮލިހުގެ ގިނަ ހަމަލާތަކެއް ބޭރަށް ގޮސްގެން ގެއްލުނު އިރު، ސާވިސްތައް ވެސް އެންމެ ރަނގަޅަށް ކުރެވިފައެއް ނުވެއެވެ. ހޫމޯ އިން މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-12 އިންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ވެސް ހޫމޯ އިން ލީޑު ފުޅާކުރަމުންދިއުމާއެކު ޕޮލިހަށް ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހެއެވެ. ޕޮލިހަށް އެންމެ ބޮޑަށް އުނދަގުލާ ކުރިމަތިލާން ޖެހުނީ ހޫމޯގެ ވަރުގަދަ ހަމަލާތައް ބްލޮކު ކުރުމަށެވެ. ދެވަނަ ސެޓު ވެސް ހޫމޯ އިން ގެންދިޔައީ ފަސޭހަކަމާއެކު 25-15 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ޕޮލިހަށް ރަނގަޅު ލީޑެއް ހޯދިފައިނުވުމުން ހޫމޯ އިން ގެންދިޔައީ ލީޑު ހޯދައި ފަރަގު ބޮޑުކުރަމުންނެވެ. އެ ސެޓުގައި ވެސް ޕޮލިހުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހައްވަ އާއި އަރީޝާ އާއި ރޯޒާ އަދި ސައިކްލް އަށްވެސް އެންމެ ރަނގަޅު ކުޅުން ދެއްކިފައެއް ނުވެއެވެ. ހޫމޯ އިން މެޗު ކާމިޔާބުކުރީ ތިންވަނަ ސެޓު 25-10 އިންނެވެ.
އެ ނަތީޖާއާއެކު ޕޮލިހުން ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވުމުން، އެޓީމަށް ވަނީ ފައިނަލަށް ދިއުމުގެ އުންމީދުތަކަށް ނިމުމެއް އައިސްފައެވެ. ސްރީލަންކާ އެއާފޯސް ޓީމުން ވަނީ މިއަދު ތަޖިކިސްތާންގެ ޑައިމްޑް ބަލިކޮށް، ދެވަނަ މޮޅު ހޯދައިފައެވެ. މިހާރު ޕޮލިސް ކްލަބު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ލޯ މެޑަލް މެޗަށް ޕޮލިހަށް އުންމީދެއް އޮތް ނަމަވެސް، ފަހު މެޗުގައި އެޓީމު ނުކުންނަން ޖެހޭނީ ނޭޕާލް ޕޮލިސް ކްލަބާ ދެކޮޅަށެވެ. ނޭޕާލް ޕޮލިސް ކްލަބަކީ މުބާރާތުގައި އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމަށްވާ އިރު، އެޓީމު ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. އަދި ރާއްޖޭގެ ކްލަބު ވެމްކޯ އިން ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައެވެ. މެޗަކުން މޮޅުވެވިފައިނުވާ ހަމައެކަނި ޓީމަކީ ތަޖިކިސްތާންގެ ޑައިމްޑްއެވެ.
މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 8:15 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލް ޕޮލިސް ކްލަބާއި ރާއްޖޭގެ ކްލަބު ވެމްކޯއެވެ. އެ މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ނޭޕާލް ޕޮލިހަށް އޮންނާނެއެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށް ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕްގައި ޖުމުލަ ހަ ޓީމެއް ވާދަކުރެއެވެ. އެއީ ރާއްޖެއިން ކްލަބު ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކްލަބާއި ސްރީލަންކާ އެއާ ފޯސް އާއި އުޒްބެކިސްތާންގެ ހޫމޯ ވީސީ އަދި ތަޖިކިސްތާންގެ ވީސީ ޑައިމްޑްއެވެ.
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް
ކާވާ ވިމެންސް ވޮލީބޯލް ކްލަބު ޗެމްޕިއަންޝިޕް