ރާއްޖެ ހުރަސްކޮށް ދަތުރުކުރާ ބައިނަލްއަގުވަމީ ބޯޓުފަހަރުތަކަށް ބޭނުންވާ އެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް މިއަދު ފަށައިފިއެވެ.

ރާއްޖޭގައި މުޅިން އާ ސިނާއަތްތައް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އެ ހިދުމަތް ފައްޓަވައިދެއްވީ ހއ. ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވެވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންކަރިންގެ ހިދުމަތުގައި ބައިވެރިވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ވިޓޯލް އާއެކު އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ ދަށުން ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ހުރިހާ ތެލެއް ފޯރުކޮށްދޭނީ ވިޓޯލް އިންނެވެ. ހިދުމަތުގެ ދަށުން ބޯޓުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެސްޓީއޯ އިންނެވެ. އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

ރާއްޖެ އިން ބަންކަރިންގެ ހިދުމަތް ދޭން މިއަދު ފެށީ އޯފްޝޯ ހިދުމަތެއްގެ ގޮތުގައެވެ. އެކަމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެއީ 3،258 ޓަނުގެ އެމްޓީ 'މެރިން އޭންޖަލް' އާއި 3،929 ޓަނުގެ 'އެމްޓީ މެރިން ބެލާ' އެވެ.

އެސްޓީއޯ އިން ބުނީ، އެ ދެ ބޯޓަކީ އެ ކުންފުންޏާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސް އާއެކު ބެއާ ބޯޓު ޗާޓާ ކޮންސެޕްޓަށް ދެ އަހަރުގެ ތެރޭ އެއްކޮށް މިލްކުވަ ގޮތަށް ހޯދާފައިވާ ދެ ބޯޓު ކަމަށެވެ.

އަދި އެ ދެ ބޯޓަކީ އެފަދަ ހިދުމަތް ދިނުމަށް ފަރުމާކޮސް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރު ކުލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރު ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

ރާއްޖެ އިން ބަންކަރިންގެ ހިދުމަތަށް ފެށި އިރު، ބަންކަރިންގެ ހިދުމަތް ފަށާ ޗެނަލުން މިހާރުވެސް މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ. އޭގެ އެއް ޕަސެންޓަށް ހިދުމަތް ދެެވުނު ނަމަވެސް ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް ރަނގަޅު އާމްދަނީއެއް ހޯދި މިއީ ދެމެހެއްޓެނިވި، ފައިދާ ބޮޑު، ސިނާއަތަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.