އިނގިރޭސިވިލާތުގެ ސަރުކާރުން އެ ގައުމުގެ އިމިގްރޭޝަން ގަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިނގިރޭސިވިލާތުގެ އިމިގްރޭޝަނަށް ގެންނަ ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، އެ ގައުމަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެގައުމުގެ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ބަދަލާ ގުޅިގެން، އަންނަ ނޮވެމްބަރު މަހުގެ 27 އިން ފެށިގެން، ރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް އެތެރެވެވޭނީ އީޓީއޭ ހޯދުމަށް ފަހުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، އީޓީއޭއެއްގެ އަގަކީ ދިހަ ޕައުންޑް ކަމަށާއި އީޓީއޭގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށެވެ. އަދި ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން ހަ މަސް ދުވަހަށްވުރެ އިތުރުނުވާ ގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އެ ގައުމަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ، އެ ގައުމުގެ ރައްޔިތުންނާއި އަޔަލެންޑުގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އެ ގައުމަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށެވެ،
އީޓީއޭ އާބެހޭ އިތުރު މައުލޫމާތު [ލިންކުން](https://www.gov.uk/guidance/apply-for-an-electronic-travel-authorisation-eta) ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު