ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަނެފައިވަނީ ކްލަބުތަކަށް އެހީވުމަށް ފީފާ އިން ދިން ކޮވިޑް ރިލީފް ލޯނުގެ ފައިސާއިން ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ފަރާތުން އަހުމަދު ސަވާދު ވިދާޅުވީ އެ މައްސަލައަކީ ބައްސާމްގެ ނަމުގައި އަމީން އެވެނިއު އިން ގަނެފައިވާ އޭ1205 އަދި އޭ1206 އެޕާޓްމަންޓަށް ފައިސާ ދެއްކުމުގައި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްފައިވާ މައްސަލަ ކަމަށެވެ. އަދި އެ ފައިސާ އަކީ އެފްއޭއެމުން ޑޮލަރު މާރުކުރުމުގެ ނަމުގައި ތަފާތު އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ޑޮލަރަށް އެ ކުންފުނިތަކުން އެފްއޭއެމަށް ދީފައިވާ ދިވެހި ރުފިޔާކަން ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 14 އޭޕްރީލް 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ފާހަގަކުރެވޭ އިރު، އެ މުއާމަލާތަކީ ކޮވިޑް ރިލީފް ލޯނެއްގެ ގޮތުގައި އެފްއޭއެމަށް 14 އޭޕްރީލް 2021 ގައި ފީފާ އިން ޖަމާކޮށްފައިވާ 1،912،950 (1.9 މިލިއަން) ޑޮލަރުގެ ތެރެއިން އަމީން ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ފައިސާއެއްކަން ފާހަގަކުރެވޭ ކަމަށް ސަވާދު ވިދާޅުވިއެވެ.

"ތަހުގީގުން ބެލި ބެލުމުން ފާހަގަކުރެވެނީ މި ލޯނު އެފްއޭއެމުން ނަގާފައިވަނީ ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ފުޓުބޯޅަ ކްލަބުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައިކަން. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު މި ކުރެވުނު އެއް މިލިއަން ޔޫއެސް ޑޮލަރުގެ މުއާމަލާތަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާކަން މިހާތަނަށް ފާހަގަކުރެވިފައިވޭ،" އޭނާ ވިދާޅުވިއެވެ.

ސަވާދު އިތުރަށް ވިދާޅުވީ އެ ފައިސާ އެފްއޭއެމަށް ލިބިފައިވާކަން ދެއްކުމަށްޓަކައި ކުންފުންޏެއް މެދުވެރިކޮށް ލޯނު ނަގާފައިވާކަން ވެސް ފާހަގަކުރެވޭ ކަމަށާއި އެ ލޯނުގެ ފައިސާގެ އަދަދާއި އަމީން ކޮންސްޓްރަކްޝަނުން ފައިސާ ދައްކާފައިވާ ރިސީޓްތަކުގައި ބަޔާންކުރާ ފައިސާގެ އަދަދާ ދިމާވާކަން ވެސް ފާހަގަކުރެވޭ ކަމަށެވެ. އަދި އެފްއޭއެމްގެ ފައިސާ އިން ޖުމުލަ 3،084،000 (ތިން މިލިއަން) ރުފިޔާ ދެ އެޕާޓްމަންޓަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން މިހާރު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ އިރު، ފުލުހުން އެދިފައިވަނީ ބައްސާމްގެ އިތުރުން އެފްއޭއެމްގެ ކުރީގެ ފައިނޭންޝަލް ޑިޕާޓްމަންޓުގެ ވެރިޔާ، ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި މ. ހިތިނައިދޫ، ހަސަން ވަހީދު އަދި އަމީން ކޮންސްޓްރަކްޝަނަށް ދައުވާކޮށްދިނުމަށެވެ. އެ މައްސަލައިގައި އެ ފަރާތްތަކަށް ވަނީ އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑަރިން ހިންގި ކަމަށް ތުހުމަތުކޮށްފައެވެ.